ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަ ކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ފަނޑިޔާރުކަން ނިމި، އެވޯޑު ދިނުމުގެ ރަސްމިއްޔާތައް މިވަނީ ތައްޔާރުވެފަ އެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭނެ އެވެ.

ދެ ދުވަހުގެ ރިޓުރީޓެއްގެ ގޮތުގައި އަންނަ މަހުގެ 15 އަދި 16 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ސަޓާގެ އެންމެ ހާއްސަ ރަސްމިއްޔާތަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އެވޯޑަށް މީގެ އެތައް މަހެއް ކުރިން ވަނީ ތައްޔާރުވާން ފަށާފަ އެވެ.

އެވޯޑަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކެއް:

ސަޓާ އެވޯޑަކީ އެތައް ގޮތަކުން ބެލި ނަމަވެސް ހާއްސަ އެވޯޑެކެވެ. ސަރަހައްދީ ފެންވަރުގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑުގެ އިތުރުން އެ އެވޯޑުގެ ހައިބަތު އެހާމެ ބޮޑެވެ. އަދި މިއީ އެ އެވޯޑަކަށް ދުނިޔޭގެ އެތައް މަޝްހޫރު ހޮޓެލް ޗެއިންތަކުން ބޭނުންވެފައިތިބި އެވޯޑެކެވެ.

މީގެ ފަސް މަސްކުރިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެވޯޑަށް ލިބުނު ތަރުހީބުން ވެސް އެކަން ސާބިތުކޮށްދެ އެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ދުނިޔޭގެ މަޝްހޫރު އެތައް ހޮޓެލް ޗެއިންތަކުން ވަނީ ވާދަކޮށްފަ އެވެ.

އޭގެ ތެރޭގައި ހައިޑްއަވޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެއެވެ.

ނަމަވެސް މިއަހަރުގެ އެވޯޑަށް 10 ސެގްމަންޓަކުން 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާތީ، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ފުރާނައި، މިއަހަރުގެ ސަޓާ އެވޯޑަށް ނޮމިނޭވީ 273 ފަރާތެކެވެ.

އޮންލައިން ވޯޓިން އަށް ބޮޑު ތަރުހީބެއް:

ސަޓާ އެވޯޑްސް ދިނުމުގައި އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކަށް އޮންލައިން ކޮށްނާއި ފަނޑިޔާރުންގެ ޓީމަކުން ވޯޓު ދޭނެ އެވެ. އަދި އެގޮތުން އޮންލައިންކޮށް ލިބޭ ވޯޓުގެ 50 ޕަސެންޓާއި ފަނޑިޔާރުގެ ފަރާތުން ބާކީ 50 ޕަސެންޓް މާކްސް ދޭނެއެވެ.

އެގޮތުން، ނޮމިނޭޓްވި ފަރާތްތަކަށް އޮންލައިންކޮށް ވޯޓު ދިނުމަށް މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލިއިރު، އޮންލައިން ވޯޓިންއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ފަނޑިޔާރުކަން ކުރީ ތަޖުރިބާކާރު ފެނަލަކުން:

އެވޯޑެއްގެ ހައިބަތު ބޮޑުވަނީ އެވޯޑެއްގެ ކޮލިޓީންނެވެ. އެކަމަށް ސާބިތުކޮށް ޔަގީންކުރުމަށް ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުން އިންސާފުވެރި ފަނޑިޔާރުކަމެއް ކުރުމަކީ މުހިއްމު ކަމެކެވެ.

އެގޮތުން ބަލާނަމަ ސަޓާ އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލަކީ ތަޖުރިބާގެ ގޮތުން ބެލި ނަމަވެސް މަޝްހޫރު ޕެނަލެކެވެ. އެ ޕެނަލުގައި ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި ތިއްބެވި މާހިރުން ހިމެނެ އެވެ.

އެގޮތުން މިމަހުގެ 18 ވަނަ ދުވަހުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ސަޓާގެ ނޮމިނީސްއަށް ފަނޑިޔާރުކަންކުރިއިރު، ކޮންމެ ގައުމަކުން ވެސް އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ފަނޑިޔާރުކަން ކޮށްފައިވަނީ އެ ގައުމަކަށް ސަޓާގެ ފަނޑިޔާރުންގެ ޓީމުން ގޮސްގެންނެވެ.

އެވޯޑަށް ސަރަހައްދީ ބޮޑެތި ޖަމިއްޔާތަކުގެ އެއްބާރުލުން:

މިއަހަރުގެ ސަޓާ އެވޯޑަކީ އެތައް ގޮތަކުން ހާއްސަ އެވޯޑެކެވެ. އެވޯޑަށް ނޮމިނޭޓްވެފައިވާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ފެށިގެން އެވޯޑްސް އިންތިޒާމްކުރާ ފަރާތާއި އެވޯޑުގެ ޕާޓްނަރުންނަށް ބަލާލި ނަމަވެސް އެކަން ފާހަގަވެގެންދެ އެވެ.

އެގޮތުން ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ ސަޓާ އެވޯޑްސް އިންތިޒާމްކުރަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިންނެވެ.

ފަތުރުވެރިކަމާއި ފަންނާނުންގެ ކުރިއެރުމަށް އެތައް ޝޯތަކެއް ބާއްވަމުން އަންނަ މަޝްހޫރު އެތައް ބްރޭންޑެއްގެ ފެށުން، ހައިރައިޒް ގެ ކޮންމެ އިވެންޓަކީ ވެސް ތަފާތު މޮޅު އިވެންޓެކެވެ.

އިވެންޓް އެންޑޯސް ކޮށްފައިވާ ސަރަހައްދީ ބޮޑެތި ޖަމިއްޔާތަކަށް ބަލާލި ނަމަވެސް މި އެވޯޑް ފުރިހަމަވެގެންދެ އެވެ.

އެގޮތުން، ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެ އެވެ.

މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ)ގެ އިތުރުން، އިންޑިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެ އެވެ.

އަދި ދާދި ފަހުން، ރާއްޖޭގެ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވެސް ވަނީ ސަޓާ އެވޯޑްސް އެންޑޯސްކޮށްފަ އެވެ.

ސްޕޮންސަރުންނާއެކު އެވޯޑަށް އިތުރު ފުރިހަމަ ކަމެއް:

ކޮންމެ ހަރަކާތެއްގެ ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ފަހަތުގައި ހީވާގި ޓީމެއް ވާނެ އެވެ. ޕާޓްނަރުންގެ އެހީތެރިކަމާ އެއްބާރުލުމާ ނުލައި އިވެންޓެއް ކާމިޔާބު ކަމާއެކު ނިންމާލުމަކީ އުދަނގޫ ކަމަކަށްވާނެ އެވެ.

މިއަހަރުގެ ސަޓާ އެވޯޑްސް އަށް އެތައް ފަރާތަކުން ވަނީ ޕާޓްނަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޕާޓްނަރަކީ މިއަހަރުގެ އެވޯޑްސް ބާއްވާ 200 އަހަރުގެ ދިގު ތާރީހެއް އޮތް ސްރީ ލަންކާގެ މަޝްހޫރު ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާ އެވެ. އެ ހޮޓަލުން ވަނީ ސަޓާ އެވޯޑްސް އަށް ލަންކާއަށްދާ މީހުންނަށް އެ ހޮޓަލުގައި ހުރުމަށް ހާއްސަ އަގުތަަކެއް ވެސް ކަނޑައަޅާފަ އެވެ.

އަދި ހޮސްޕިޓޭލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ޗަމްޕާ ސެންޓަރަލް ހޮޓެލް އަދި އޮފިޝަލް ފޮޓޯގުރަފީ ޕާޓްނަރަކަށް ރާއްޖޭގެ މަޝްހޫރު ފޮޓޯގުރާފަރު މުހައްމަދު ޝާފީގެ ޑިޖިޓަލް ސްޓޫޑިއޯ ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން، މިއަހަރުގެ ސަޓާ އެވޯޑްސް އަށް ވަނީ ވަރުގަދަ މީޑިއާ ޕާޓްނަރުންތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން އިވެންޓުގެ ރޭޑިއޯ ޕާޓްނަރަކަށް ލަންކާގެ މަޝްހޫރު އިނގިރޭސި ރޭޑިއޯ ޗެނަލެއް ކަމަށްވާ ރެޑް އެފްއެމް ހަމަޖައްސާފައިވާ އިރު، ޕްރިންޓް މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސީ ސިލޯން ޓުޑޭ އެވެ. އަދި ޓީވީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ލަންކާގެ އަމިއްލަ ޓީވީ ކުންފުންޏެއް ކަމަށްވާ އާޓް އެވެ.

އަދި އިވެންޓްސްގެ އޮންލައިން ނިއުސް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. ސަން އޮންލައިން އަކީ ސަޓާ އެވޯޑްސްގެ މީޑިއާ ޕާޓްނަރުކަން ކުރާ ހަމައެކަނި ދިވެހި މީޑިއާ އެވެ.

މީގެ އިތުރުން، ޓޫރިޒަމް އަދި ކޯޕަރޭޓް މީޑިއާސްގެ ގޮތުގައި އޭޝިއަން ޓްރެވަލާސް، އޭޝިއަން ޑައިވާ، އޭޝިއަން ޖިއޮގުރަފިކްގެ އިތުރުން ފުލޯޓިން އޭޝިއާ، މޯލްޑިވްސް.ނެތް.މެވީ އަދި ކޯޕަރޭޓް މޯލްޑިވްސް ހިމެނެ އެވެ.