28 Oct 2016, 16:28
އޭނާއަކީ ކުރިއަށް ކުޅޭ މީހެއް ކަމަށާއި، ފަހަތަށް ކުޅެން ވަރަށް އުނދަގޫވާނޭ ކަމަށް، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރައްވާ، އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، އަދި ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓު ސްޕޯޓްސް ކްލަބުގެ ފޯވާޑް ލައިން ކުރީން ބަލަހައްޓައިދިން ތަޖްރިބާކާރު ޓޮމް މިގޮތަށް ވިދާޅުވެފައި މިވަނީ، އެފްއޭއެމްގެ އިންތިޚާބުގައި އޭނާއާ ދެކޮޅަށް ވާދަކުރައްވާ، އެ އިދާރާގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލުގެ ޓީމުގައި ހިމެނޭ، ސިޔާސީ ބޭފުޅުން ފަހަތަށް ޖެހޭން ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވެ ޓޮމްއަށް ޝަރުތުތަކެއް ކުރިމަތިކުރައްވާފައި ވަނިކޮށެވެ.
"އަޅުގަނޑަކީ ފޯވާޑެއް، ފަހަތަށް ކުޅޭން ވަރަށް އުނދަގޫވާނެ،" އިންތިޚާބުގައި ފަހަތަށް ޖެހިވަޑައިގަތުމަށް ބައްސާމުގެ ޓީމުން ކުރެއްވި ޝަރުތުތަކަށް ރައްދުދޭ ފަދަ އިބާރާތަކުން، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑު އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރައްވާ، އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް) --- ސަން ފޮޓޯ: ފަޔާޒު މޫސާ
ބައްސާމްގެ ޓީމުގެ ފަރާތުން ބުރާސްފަތި ދުވަހު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ އެކްސްކޯއަށް ނެގުމަށް ނިންމާފައިވާ ސީނިއާ ވައިސް ޕްރެޒިޑެންޓް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް ވިދާޅުވީ، އެ ބޭފުޅުންނަކީ ކުޅިވަރުގައި އުޅުއްވި ކަމުގައިވީ ނަމަވެސް މިހާރު ސިޔާސީ ދާއިރާގައި އުޅުއްވާތީ ސިޔާސީ މީހުންގެ ލަގަބު ލިބިފައިވާ ބައެއް ކަމަށެވެ. އެހެންކަމުން ސިޔާސީ ހުރިހާ ފަރާތެއް އިންތިޚާބުން އެއްފަރާތް ވާނަމަ، އެގޮތަށް އަމަލުކުރާން އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮތްގޮތުން އަހުމަދު ޠާރިޤާ ވާހަކަ ދެކެވިއްޖެ. ނަމަވެސް އެ ބޭފުޅާގެ އެދުމަކަށްވީ އަޅުގަނޑުމެން ފަހަތަށް ޖެހުން. އެގޮތަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ނަމަވެސް އަޅުގަނޑުމެންނާއެކު ރައީސްގެ މަގާމަށް ވާދަކުރައްވަނީ މަޖުލީހުގެ މެމްބަރެއް ނޫން އެހެންވީމަ އެބޭފުޅާގެ ހައްގު ރައްކާކޮށްދެއްވުމަށް ފަހު އަޅުގަނޑުމެން ފަހަތަށް ޖެހޭނަން،" ހުސެން ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާ ބައްސާމްގެ ޓީމުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޓޮމް ފަހަތަށް ޖެހުމުން ބައްސާމް ޓީމުގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ މެންބަރުން އެއްފަރާތްވާން ތައްޔާރަށް ތިބި ކަމަށް އެ ޓީމުން ބުނޭ --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މިފަހަރު އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް ބައްސާމް ނެރުއްވާ ޓީމުގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ، ހަ މެމްބަރުން ހިމަނައިފައި ވެއެވެ. ނަމަވެސް ޓޮމް އިއުލާނުކުރެއްވި ޓީމުގައި ހިމެނެނީ، ފުޓްބޯޅަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ، ރާއްޖޭގެ ފުޓްބޯޅަ ކްލަބުތަކަށް ނިސްބަތްވާ ޓީމެކެވެ.
ޓޮމްއަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި އޭނާގެ އިދިކޮޅު ޓީމުން ސިފަކުރި ނަމަވެސް، ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރި، އަދި 2009 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރީންގެ ތެރޭގައި ހިމެނުނު ޓޮމް އަކީ، ދިވެހި ފުޓްބޯޅައިގެ ބަޠަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައި ދީގެން 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހޯދާފައިވާ ޓޮމް ވިދާޅުވީ، ފުޓްބޯޅައަކީ އޭނާގެ ދާއިރާ ކަމަށާއި އެ ދާއިރާ ކުރިއެރުވުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަަމަށެވެ.