28 Oct 2016, 16:14
ސްޕެނިޝް ޗެމްޕިއަން ބާސެލޯނާއަށް ބްރެޒިލް ތަރި ނޭމާ ކުޅެމުންދަނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ސަބަބުން ކަމަށް ނޭމާގެ ބައްޕަ ބުނެފި އެވެ.
ބްރެޒިލްގެ ސަންޓޯސް އިން 2013 ވަނަ އަހަރު ބާސާއާ ނޭމާ ގުޅުމަށްފަހު، ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކުރި މެސީއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވެ އެވެ. މެސީ އާއި ނޭމާގެ އެހީތެރިކަމާއެކު ބާސާ ވަނީ ދެ ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.
އުމުރުން 24 އަހަރުގެ ފޯވަޑް ނޭމާއަށް ހިތްވަރު ގެނެސްދިން ކުޅުންތެރިިޔަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މެސީ ކަމަށް ނޭމާގެ ބައްޕަ ދެކެއެވެ.
"އަހަރެމެން އެންމެންނަށް އެނގޭ މެސީއަކީ ކާކުކަން. އޭނާ އަކީ އަހަރެންގެ ދަރީގެ އައިޑޮލް. މެސީއާ އެއްކޮށް ކުޅެލަން ލިބުމަކީ ފަހުރެއް ކަމަށް ނޭމާ ދެކޭ. އޭނާ ބާސާއަށް ކުޅެނީ މެސީގެ ސަބަބުން،" ނޭމާގެ ބައްޕަ ބުންޏެވެ.
ނޭމާގެ ބައްޕަ ބުނީ، މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅައިގެ ތެރެއަށް އުފަން ނުވި ނަމަ، ނޭމާ ވެސް ފެނިގެން ނުދިޔައީސް ކަމަށާއި ޕެލޭ އަދި ޑިއެގޯ މެރަޑޯނާ އަކީ ވެސް ކުޅުންތެރިންތަކަކަށް ހިތްވަރު ގެނެސްދިން ލެޖެންޑުންތަކެއް ކަމަށެވެ.
ނޭމާ ވަނީ މިދިޔަ ހަފްތާގައި ބާސާއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. އެ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރު އެވެ.