28 Oct 2016, 15:26
ސައިކަލު ޓޭކްސީ ކުރުމަށް ބޭނުންކުރާ ސައިކަލުގެ ސީޓަކީ ދުއްވާ ފަރާތާއި ފަސިންޖަރަށް ހަމަޖެހިގެން އިށީނދޭ އިނދެވޭ ސީޓަކަށް ވާންޖެހޭނެ ކަމަށް ޝަރުތުކޮށް "ސައިކަލު ޓެކްސީގެ ގަވާއިދު" އާންމުކޮށްފި އެވެ.
މިއަދު ގެޒެޓްކޮށްފައިވާ އެ ގަވާއިދުގައި ޓެކްސީ ސެންޓަރުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ޓެކްސީ ކުރާ އުޅަނދުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ޓެކްސީ ޑްރައިވަރުންގެ ހުންނަން ޖެހޭ ޝަރުތުތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ސައިކަލު ޓެކްސީ ކުރާ ސެންޓަރަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ހިންގާ ސެންޓަރަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ޓެކްސީ ކުރާ ސެންޓަރަކީ ޓެކްސީ ކުރުމަށް 20 ސައިކަލު ގެންގުޅެވޭނެ ފަރާތެއްކަން ލިޔުމަކުން ޔަގީންކަން ދޭން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އެގޮތަށް 20 ސައިކަލު ޓެކްސީ ކުރުމުގައި ހަރަކާތްތެރި ނުވާނަމަ އެ ޓެކްސީ ސެންޓަރަކަށް ދީފައިވާ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލު ކުރުމުގެ ބާރު ގަވާއިދުގެ ދަށުން އިކޮނޮމިކް މިނިސްޓްރީއަށް ލިިގެންވެ އެވެ.
ސައިލަކު ޓެކްސީ ކުރާ ޓެކްސީ އަކީ އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ އުޅަނދަކަށް ވާން ޖެހެ އެވެ. އަދި އެއީ އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ވާން ޖެހެ އެވެ.
ޓެކްސީ ކުރާ ސައިކަލުގެ ހުންނަން ޖެހޭ ޝަރުތުތައް
އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ އެއްގޮތަށް ރެޖިސްޓްރީ ކޮށްފައިވާ އުނޅަދަކަށް ވުން
އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭ ގިންތިތަކުގެ ތެރެއިން އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ވުން
އުޅަނދުގެ ސީޓަކީ ދުއްވާ ފަރާތާ ފަސިންޖަރާ ދެމީހުން ހަމަޖެހިގެން އެށީދެތިބެވޭ ސީޓަކަށް ވުން
ޓެކްސީ ސެންޓަރާ ސައިކަލުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއް ހަދާފައި އޮތުން
ޓެކްސީކުރާ އުޅަނދެއް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ ތިންމަސް ކުރިން ރަޖިސްޓްރީ އާ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ޓެކްސީ އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާނަމަ އުޅަނދު ގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރު ގަވާއިދުން އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ސައިކަލު ޓެކްސީ ކުރާ ޑްރައިވަރަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން ޓެކްސީ ކުރާ މީހަކަށް ވާންޖެހެ އެވެ. އެއީ ދިވެހި ރައްޔިތަކަށްވެސް ވާން ޖެހެ އެވެ. އަދި ސައިކަލު ޓެކްސީ ކޮށްދޭ ޑްރައިވަރަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރަމުން ނުދާ މީހަކަށް ވާންޖެހެ އެވެ.
ސައިކަލު ޓެކްސީގެ ގަވާއިދުގައި ޓެކްސީ ކުރާ ޑްރައިވަރުން ސަމާލުވާން ޖެހޭ ވަރަށް ގިނަ ކަން ކަން ހިމަނާފައިވެ އެވެ. އެގޮތުން ފަސިންޖަރުންނާ ރީތި ބަހުން މުއާމަލާތުކުރުމާއި ސައިކަލެއްގައި ސަލާމަތްތެރިކަމާއެކު ނުގެންދެވޭ މީހަކު ގެންގޮސްދީގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.
ސައިކަލު ޓެކްސީގެ ޑްރައިވަރުންގެ ސަމާލުކަމަށް
- ފަސިންޖަރުންނާ މުއާމަލާތުކުރަންވާނީ އިހުތިރާމާ އެކު
- ޓެކްސީ ކުރެވޭނީ ރެޖިސްޓްރީކޮށްފައިވާ ޓެކްސީ ސެންޓަރަކާ ގުޅިގެން
- އެއްވެސް ދަތުރަކާ ހަވާލުވާނީ ޓެކްސީ ސެންޓަރަށް އެންގުމަށް ފަހު
- ސައިކަލު ދުއްވާނީ އެންމެންގެ ސަމާލުކަމަށް ބަލައިގެން
- ސަބަބެއް ނެތި ދަތުރުކޮށްދޭން ދެކޮޅު ހަދައިގެން ނުވާނެ
- ދަތުރަށް ފެށުމުގެ ކުރިން އަގު ބުނަން ޖެހޭނެ
ސައިކަލު ޓެކްސީ ކުރެވޭނެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10 ރުފިޔާ އެވެ. އަދި ސައިކަލު ޓެކްސީ ކުރާ ސެންޓަރަކުން 24 ގަޑިއިރު ހިދުމަތްދޭން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ.
ޓެކްސީ ސެންޓަރަކާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާއެއް އެ ސެންޓަރެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އެގޮތުން ފުރަތަމ ފަހަރު ނަމަ 500 ރުފިޔާއިން ޖޫރިމަނާކުރުން އަދި ދެވަނަ ފަހަރު ނަމަ 750 ރުފިޔާ ތިންވަނަ ފަހަރު ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
އެއް އަހަރުތެރޭ ތިން ފަހަރަށް އެއްކުށެއް ތަކުރާރުވެއްޖެ ނަމަ ލައިސަންސް ބާތިލު ކުރެވޭނެެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ލައިސަންސް ބާތިލުކޮށްފި ނަމަ އަލުން ލައިސަންސް ލިބޭނީ ފަސް އަހަރު ފަހުންނެވެ.