ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނިވަޑައިގަންނަވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރަނީ އެއްވެސް ޕާޓީއަކުން ނޫން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ވިދާޅުވީ، އެ މަސައްކަތް ފަށާފައި ވަނީ މަޖިލީހުގެ މެމްބަރުންތަކެއް ގުޅިގެން ކަމަށާއި އެއީ އެއްވެސް ސިޔާސީ ޕާޓީއަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

"ވަކި ޕާޓީއަކުން އަންގައިގެން ވަކި ޕާޓީއަކުން ބުނެގެން ވަކި ޕާޓީއެއް ފަހަތުގައި ތިބެގެން ކުރާ ކަމެއް ނޫން މިއީ،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އުޅެނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރައްވާތީ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރާއިރު، ފުރުސަތު ނަގުވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތައް ވެސް އަޅުގަނޑުމެން ބޭނުންވާގޮތަކަށް ދިރާސާ ކުރަން ވަގުތު ނުދެއްވާ. މިކަންތައްތަކުގެ އަޑީގައި ހުންނެވީ މަޖިލީހުގެ ރައީސް،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޒާ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އެމަގާމުގައި ހުންނަވައިގެން ކޯޓުތަކަށް ވަކާލާތު ކުރެއްވިދާނެ ކަމަށް. ކޯޓުތަކަށް ވަޑައިގެން އެބޭފުޅާގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" މުސްތަފާ ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން މަސީހު އާއި ރިޒާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ސަން އަށް ވިދާޅުވީ، އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަބުޅޯ ވިދާޅުވީ، އެއީ ސިޔާސީ އެޖެންޑާއެއް ހާސިލުކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީގެ މެމްބަރެއްގެ އިތުރުން ރިޒާ އަކީ ގާނޫނީ ވަކީލެއް ކަމަށާއި އެހެންކަމުން އެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމަކީ ރިޒާއަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމަށް މުސްތަފާ ވިދާޅުވާއިރު، ރައްޔިތުންގެ ހައްގުގައި މަސީހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މިއަދާ ހަމައަށް މުސްތަފާ ގެންދެވީ ބައިވެރިވަމުން ކަމަށާއި މާދަމާ ވެސް މުސްތަފާ، މަޖިލީހުގެ ރައީސަށް ތާއީދު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަބުޅޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕީޖީ ގްރޫޕަކީ ވަރަށް ބަދަހި ގްރޫޕެއް. ތިކަހަލަ އެއްވެސް ކަމެއް ކާމިޔާބުވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހަމަޔަގީނުން ވެސް މަސީހު އާއި ރިޒާގެ އިތުބާރު ނެތް ކަމަށް ނަގަން އުޅޭ ވޯޓަކީ އަޅުގަނޑުމެން ތާއީދު ކުރާނެ ކަމެއް ނޫން،" އަބުޅޯ ވިދާޅުވިއެވެ.