11 Jun 2011, 13:04
ގޯތި ލިބި، އެކަމަކު ފައިސާގެ ދަތިކަމާހުރެ ގެދޮރު ބިނާކުރެވޭނެ ގޮތެއް ނެތިފައި ތިބި ރައްޔިތުންނަށް އެހީވުމަށް ލޯނު ސްކީމެއްގެ ދަށުން، ދިގުމުއްދަތުގެ ތެރޭ އަގު އަދާކޮށް ނިންމޭ ގޮތަށް ގެއަޅައިދިނުމުގެ މަޝްރޫއެއް ހިންގަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުގައި، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އެ މަޝްރޫއު ހިންގަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކްލޯރަސް ޕްރައިވެޓް ލިމިޓެޑާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން )އެޗްޑީއެފްސީ( ގުޅިގެނެވެ.
އާ މަޝްރޫއުގެ ދަށުން ނުވަ ވައްތަރެއްގެ، ގެ އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ގެތަކުގެ އަގު އަދާކުރުމުގައި، ފުރަތަމަ އިންސްޓޯލްމަންޓް ދެއްކުމަށްފަހު ބާކީ ފައިސާ 20 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން އަޅައިދޭ ގެތައް ހުންނާނީ ކޮންކްރީޓް ފައުންޑޭޝަން އަޅައި ސްޓީލް ފްރޭމް ހަދައި، ތައްޔާރީ ތައްގަނޑުތަކެއް ރާވައި ޓިނުން ހިޔާކޮށް މުށި ޖަހާއިފަ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ބުނެފައި ވަނީ މި ގެތައް 30-50 އަހަރާ ދެމެދުގެ މުއްދަތަކަށް ރަނގަޅު ފެންވަރުގައި ދެމި ހުންނާނެ ކަމަށެވެ.
ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ގެތައް އިމާރާތްކޮށްދޭ އަގުތަކާއި ކުރެހުންތަކާބެހޭ މައުލޫމާތާއި އަދި އެ ޕްރޮޖެކްޓްގެ ދަށުން ގެ އެޅުމަށް އެދޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާއިންނާއި އެ އިދާރާގެ އެހެން އޮފީސްތަކުން ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވީ، ފައިސާގެ ދަތިކަމާ ހުރެ ގިނަ ބަޔަކަށް އަދިވެސް އަމިއްލަ ގޯތީގައި ދެގޮރު ބިނާ ނުކުރެވޭ ކަމަށާއި އެގޮތުން ހިތަދޫގެ އޮޑައްސައު ސަރަހައްދުން އެކަނި ދޫކޮށްފައިވާ 500 ގޯތީގެ ތެރެއިން ދެބައިކުޅަ އެއްބައި ގޯތީގައި އަދިވެސް މަސައްކަތެއް ނުފަށާ ކަމަށެވެ. އާ މަޝްރޫއުއިން އެ ފަރާތްތަކަށް ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން ގެ އަޅައިދޭނެ ވަކި އަދަދެއް އަދި ކަނޑައަޅައިފަ ނެތް ކަމަށެވެ.
"އަދި ވަކި ލިމިޓެއް ނެތް ހަމަޖައްސައިފައެއް. ގިނައިން ލިބުނު ވަރަކަށް މިކަމުގައި އިތުރަށް ރަނގަޅު ގޮތެއް މެދުވެރިވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ސޯބެ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ހައުސިން ޕްރޮޖެކްޓެއް އިއުލާންކޮށްފައި މިވަނީ، ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުގެ ދަށުން އައްޑޫގައި 700 ހައުސިން ޔުނިޓް އެޅުމަށާއި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދުގެ އަމިއްލަ ހަރަދުގައި 100 ގެ އެޅުމަށް ނިންމާފައިވަނިކޮށެވެ.