28 Oct 2016, 15:37
ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅައި ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރަށް އެރި ދޯނި ހަތަރު ދުވަސް ފަހުން އިއްޔެ ފުންކޮށްފި އެވެ.
ބަޔޮސްފިއާ ރިޒާވްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ދަރަވަންދޫން ފުރައިގެން މާލެ ދަނިކޮށް މިދިޔަ ހޯމަ ދުވަހު ހަނިފަރުގެ ދެކުނުން ދަރަވަންދޫއާ ދިމާލަށް އެރި "ދޮށި ދޯނި 1" ނަމަކަށް ކިޔާ ދޯނި ފުން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ހަނިފަރު ފަރަށް ވަރަށް ބޮޑަށް އަރާފައިއޮތް އެ ދޯނި ޓަގެއްގެ އެހީތެރިކަމުގައި ފުންކޮށް، މިހާރު އޮތީ ދަރަވަންދޫ ބަނދަރުގައެވެ.
ޔުނެސްކޯ އިން ބަޔޮސްފިއާއެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކަނޑައަޅާފައިވާ އިރު، މުހިއްމު ތަންތަނުގެ ގޮތުގައި ބައެެއް ތަންތަން ކަނޑައަޅާފައިވެ އެވެ.
އެގޮތުން ތިން ތަނެއް ކޯ އޭރިއާ ނުވަތަ މުހިންމު ތަންތަނުގެ ގޮތުގައި ކަނޑައަޅާފައި އޮންނައިރު، އެންމަޑި އާއި ފެހުރިހި އުޅޭ ހަނިފަރަކީ ހާއްސަ އެއް ތަނެވެ. އަދި އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މަގްބޫލް މަންޒިލެކެވެ.
އޮފިޝަލު ވިދާޅުވީ، އެ ދޯނި ފަރަށް އެރުމުން ލިބުނު ގެއްލުންތައް ބެލުމަށް ބަޔޮސްފިއާ ރިޒާވް އާއި އީޕީއޭ އިން ގުޅިގެން މާދަމާ އެ ސަރަހައްދަށް ފީނައިގެން ބަލާނެ ކަމަށެވެ.
އެތަނަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިން ބަލައި އޮންނަ އުސޫލުން ދޯނީގެ ވެރިފަރާތުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.