މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުގައި މުހައްމަދު ޝަރީފް އަތުން ހުސައިން ފަޔާޒް މޮޅުވެއްޖެ އެވެ.

ރާއްޖޭގެ އެއް ވަނަ ބިލިއާޑް ކުޅުންތެރިޔާ ޝަރީފްއާ ދެކޮޅަށް ރޭ ކުޅުނު އެ މެޗުގައި ރާއްޖޭގެ ދެ ވަނަ ބިލިއާޑް ކުޅުންތެރިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު އެ މެޗުގައި ޝަރީފްގެ މައްޗަށް ފަޔާޒް ކުރި ހޯދާފައިވަނީ 7-4 ފްރޭމް އިންނެވެ. އެ މެޗުން ފަޔާޒް މޮޅުވި ނަމަވެސް، މި މަހު ކުރީކޮޅު ނިމިގެންދިޔަ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގައި ފަޔާޒް ބަލިކޮށް ޝަރީފް ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގައި ފަޔާޒްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވެސް ޝަރީފް ވަނީ މޮޅުވެފަ އެވެ.

ރާއްޖޭގައި އެންމެ ވާދަވެރި ބިލިއާޑް ދެ ކުޅުންތެރިންނަކީ ވެސް ޝަރީފާއި ފަޔާޒް އެވެ. ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގައި އެ ދެ ކުޅުންތެރިންގެ ވާދަވެރިކަން ފެނިގެން ގޮސްފައިވެ އެވެ.

ޝަރީފާއި ފަޔާޒްގެ މެޗުގެ އިތުރުން ވެސް ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ 11 މެޗެއް ރޭ ކުޅެފައިވެ އެވެ. ނަމަވެސް ރޭ ކުޅުނު މެޗުތަކަށްފަހު އެއްވެސް ކުޅުންތެރިޔަކު މުބާރާތާ އަލްވަދާއު ކިޔާފައެއް ނުވެ އެވެ. އެ މުބާރާތަކީ ޑަބަލް އެލިމިނޭޝަންގެ އުސޫލުން ކުރިއަށްދާ މުބާރާތެކެވެ.

ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް:

އަސްލަމް އަބްދުﷲ 5 –7 އިބްރާހިމް ހަނީފް

ޔޫސުފް ޒުބައިރު 7– 2 އިބްރާހިމް ރަޝީދު

އިބްރާހިމް ޝަރީފް 7– 2 އަހްމަދު ޝިވާ

އަހްމަދު ޝިހާދު 7– 6 މުހައްމަދު ޝާހިލް

އަހްމަދު ނާސިފް 5 –7 އިސްމާއިލް ސުވައިދު

ހުސައިން ފަޔާޒް 7– 4 މުހައްމަދު ޝަރީފް

އަހުސަން ހާޝިމް 7– 4 އިސްމާއިލް ރިޒާ

އަހްމަދު އަފްރާހް 7– 0 ޝިފާއު އަބްދުﷲ

އަލީ ފަޔާޒް 7– 0 ފަތުހުﷲ ޖަމީލް

އަބްދުލް އަޒީޒް މުހައްމަދު 5 –7 ސޮއްފާން ޝާކިރު

އަހްމަދު ޝަރީފް ހުސައިން 1 –7 އަބްދުﷲ މުލައިލް މުހައްމަދު

ހަސަން ޝާޒް މުހައްމަދު 6 –7 މުހައްމަދު ފަރީމް