މި އަހަރުގެ ފީފާ ބެލޮންޑިއޯގެ ހައްގުވެރިޔަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އިޓަލީގެ ކުރީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

ރެއާލް މެޑްރިޑާއި ޕޯޗުގަލް ގައުމީ ޓީމާއެކު މި އަހަރު ހޯދި ކާމިޔާބާއެކު ބެލޮންޑިއޯގެ ފޭވަރިޓަކީ ވެސް ރޮނާލްޑޯ އެވެ. ރެއާލްއާ އެކު ރޮނާލްޑޯ ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދި އިރު، ޕޯޗުގަލްއާ އެކު އޭނާ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

ފީފާ ބެލޮންޑިއޯގެ ދެ ވާދަވެރިން ކަމަށްވާ ލިއޮނެލް މެސީ(ކ) އާއި ކްރިސްޓިއާނޯ ރޮނާލްޑޯ(ވ): މިހާތަނަށް ރޮނާލްޑޯ ތިން ފަހަރަކު އެވޯޑު ހޯދާފައިވާ އިރު، މެސީ ވަނީ ފަސް ފަހަރަކު އެ އެވޯޑު ހޯދައިފަ ---

"ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބެލޮންޑިއޯ ހައްގު. އެކަމުގައި ޝައްކެއް ވެސް ނެތް،"މާކާއަށް ދިން އިންޓަވިއުއެއްގައި 2006 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކަނަވާރޯ ބުންޏެވެ.

މިހާތަނަށް ރޮނާލްޑޯ ތިން ފަހަރަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައިވާ އިރު، އޭނާގެ ވާދަވެރިޔާ ލިއޮނެލް މެސީ ވަނީ މިހާތަނަށް ފަސް ފަހަރަކު އެ އެވޯޑު ހޯދައިފައެވެ.