ކޮންމެ ކެއުމަކަށް ފަހު ކުޑަކޮށް ހިނގާލުމަކީ ހަކުރު ބަލީގެ ޓައިޕް 2 ހުންނަ މީހުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބަލި ޖެހެނީ ހަކުރު ކޮންޓްރޯލްކުރުމަށް ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށްވާ އިންސުލިން މަދުވުން، ނުވަތަ އޭގެ މަސައްކަތް ނުކުރާގޮތް ވުމުންނެވެ.

ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. އެއީ އިންސުލިން އަށް ބަރޯސާވާ ވައްތަރު (ޓައިޕް 1) އަދި އިންސުލިން އަށް ބަރޯސާނުވާ ވައްތަރު (ޓައިޕް 2) އެވެ. ޓައިޕް 1 އާންމުކޮށް ޖެހެނީ ކުޑަކުދިންނަށް ނުވަތަ އުމުރުގެ ކުރީކޮޅު އެވެ. ޓައިޕް 2 އަކީ އުމުރުން 40 އަހަރު ވުމަށްފަހުން ކުރިމަތިވާ ވައްތަރެކެވެ.

ނިއުޒީލެންޑުގައި ހުންނަ ޔުނިވާސިޓީ އޮފް އޮޓާގޯ އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާފައިވާ ގޮތުން، ކޮންމެ ކެއުމަކަށް ފަހު 10 ވަރަކަށް މިނެޓު ހިނގާލުމަކީ ހަކުރު ދަށްކުރުމަށް އެންމެ ފައިދާ ހުރި ގޮތެވެ. އަދި ދުވާލުގެ ކޮންމެސް ގަޑިއެއްގައި ބައިގަޑިއިރު ހިނގާލުމަށް ވުރެ އެގޮތް ފައިދާ ބޮޑު ކަމަށް ދިރާސާކުރި ފަރާތުން ބުނެ އެވެ.

އެ ދިރާސާގައި ޓައިޕް 2 ޑައިބެޓިސް ހުރި 41 މީހަކު ވަނީ ބައިވެރިކޮށްފައެވެ. އެމީހުންނަށް ވަނީ އެއް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 30 މިނެޓު ހިނގުމަށް އިރުޝާދު ދީފައެވެ. އަދި އެއަށްފަހު އަނެއް މަސް ދުވަހު، ކޮންމެ ކެއުމަކަށް ފަހު 10 މިނެޓު ހިނގުމަށް ވަނީ އިރުޝާދު ދީފައެވެ.

ދިރާސާ ކުރިއަށް ދިޔަ ދުވަސްތަކުގައި، އެކްސެލެރޯމީޓަރސް ބޭނުންކޮށްގެން ބައިވެރިންގެ ހަރަކާތްތައް ވަނީ މޮނިޓާ ކޮށްފައެވެ. އަދި ކޮންމެ ފަސް މިނެޓަކުން ލޭގައި ހަކުރު ހުންނަ މިންވަރު ވެސް ވަނީ ބަލައިފައެވެ.

އެ ދިރާސާ އިން ދެއްކި ގޮތުން ކޮންމެ ކެއުމަކަށް ފަހު ހިނގާލުމުން، ހަކުރު ދަށްވާ މިންވަރު، ކޮންމެ ދުވަހަކު 30 މިނެޓު ހިނގުމުން ދަށަށް ދާ ވަރަށް ވުރެ 12 ޕަސެންޓު އިތުރެވެ.

އެ ހޯދުންތައް މިހާރު ވަނީ ހަކުރު ބައްޔާ ބެހޭ ޖާނަލް ގައި އާންމުކޮށްފައެވެ.

ހަކުރު ބައްޔަކީ މުޅިން ރަގަޅު ކުރެވިދާނެ ބައްޔެއް ނޫން ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. --(ޓެލެގްރާފް)