11 Jun 2011, 12:48
ވޭތުވެ ދިޔަ ދެ އަހަރު ގޭބިސީތަކުގެ އާމްދަނީ އިތުރު ވިޔަސް ކުރަން ޖެހޭ ހަރަދު 39 ޕަސެންޓް ބޮޑުވެއްޖެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާތުހިސާބުތަކުން ދައްކައިފި އެވެ.
ޑިޕާޓްމެންޓް އޮފްނޭޝަނަލް ޕްލޭނިން އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ، ވޭތުވެ ދިޔަ ދެ އަހަރުގެ ގޭބިސީތަކުގެ ހަރަދު ކުރުމާއި އާމްދަނީގެ ސާވޭ އިން ދައްކާ ގޮތުން މާލޭގެ ގޭބިސީއަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 25787ރ. ޖެހިފައިވާ އިރު އަތޮޅުތަކުގެ ގޭބިސީއަކަށް ޖެހިފައި ވަނީ 11328ރ. އެވެ. އެހެންކަމުން ރާއްޖޭގެ ގޭބިސީއަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް ޖެހޭނީ ގާތްގަނޑަކަށް 15754ރ. އެވެ. އެއީ 2007 ވަނަ އަހަރު ގޭބިސީއަކަށް ޖެހުނު 11865ރ. އަށް ވުރެ 32.77 ޕަސެންޓް އިރުތުވުމެކެވެ.
އާމްދަނީ ލިބުނު ގޮތްތަކަށް ބަލާއިރު ކޮންމެ ގޭބިސީއެއްގައި އާމްދަނީ ލިބޭ 2.7 ޕަސެންޓް މީހުން އުޅޭ އިރު އެއިން ކޮންމެ މީހަކަށް އެވްރެޖްކޮށް މަހަކު 5760ރ. ލިބެ އެވެ.
ގޭބިސީތަކުގެ އާމްދަނީ އިތުރުވިޔަސް ގޭބިސީތަކުން ކުރަން ޖެހޭ ހަރަދު ވެސް ވަނީ ވޭތުވެ ދިޔަ ދެ އަހަރު ބޮޑުވެފަ އެވެ. މާލޭގެ ގޭބިސީއަކުން މަހަކު 13764ރ. ހަރަދުކޮށްފައިވާއިރު އަތޮޅުތަކުގެ ގޭބިސީއަކުން މަހެއްގެ މައްޗަށް 10653ރ. ހަރަދުކޮށްފައިވެ އެވެ. އެހެންކަމުން ވޭތުވެ ދިޔަ އަހަރު މުޅި ރާއްޖޭގެ ގޭބިސީއަކުން މަހަކު 13136ރ. ހަރަދުކޮށްފައިވެ އެވެ. އެއީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރާ އަޅާ ބަލާއިރު 39.69 ޕަސެންޓްގެ އިތުރުވުމެކެވެ.
ގޭބިސީތަކުން ހަރަދުކޮށްފައިވާ ގޮތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ބޮލަކަށް 67.20ރ. ހަރަދުކުރެ އެވެ. އެއީ އަތޮޅުތަކުގެ ގޭބިސީއަކުން ބޮލަކަށް ދުވާލަކު 56.02ރ. އަދި މާލޭގެ ގޭބިސީއަކުން ދުވާލަކު ބޮލަކަށް 90.42ރ. އެވެ.
މުއްސަނދިންނާއި ފަގީރުންގެ ދެމެދުގެ ފަރަގަށް ބަލާއިރު އެ ފަރަގު ކުރިއަށް ވުރެ އިތުރުވެ، އެ ޕަސެންޓޭޖު ވެސް ވަނީ މައްޗަށް ޖެހިފަ އެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ފަގީރުން [އާމްދަނީގެ ގޮތުގައި ދުވާލަކަށް 22.83ރ. ރުފިޔާ އަށްވުރެ މަދުން ލިބޭ މީހުން] ދުވާލަކު 12ރ. އެވްރެޖްކޮށް ހަރަދުކުރި އިރު އެންމެ މުއްސަނދިން [އާމްދަނީގެ ގޮތުގައި ދުވާލަކަށް 22.83ރ ގިނައިން ލިބޭ މީހުން] ދުވާލަކަށް 226 ރ. ހަރަދުކޮށްފައިވެ އެވެ.
ޕްލޭނިން ޑިޕާޓްމެންޓުން ބުނީ ސާވޭ ކުރުމުގައި މާލޭގެ 4.3 ޕަސެންޓް ގޭބިސީތައް، 600 ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ 3.2 ޕަސެންޓް ގޭބިސީގެ، 1460 ގޭބިސީއަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރެވުނު ކަމަށެވެ.