މިއަދަކީ ހިންދީ ސިނަމާއަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ދުވަހަކަށް ވާނެ އެވެ. ބޮޑު އުންމީދެއް ކުރެވޭ ދެ ފިލްމު މިއަދު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަރަން ޖޯހަރުގެ 'އޭ ދިލް ހޭ މުޝްކިލް' އަދި އަޖޭ ދޭވްގަންގެ 'ޝިވާއޭ' މިއަދު ސްކްރީނަށް އަންނަ އިރު ދެ ފިލްމުގެ ދެމެދު އުފެދިފައިވާ ވާދަވެރިކަން ވަރަށް ބޮޑެވެ.

ދެ ފިލްމަކީ މުޅިން ތަފާތު ދެ ފިލްމެވެ. ރަންބީރު ކަޕޫރު، އަނުޝްކާ ޝަރްމާ އަދި އައިޝްވާރްޔާ ރާއި ބައްޗަން މުހިންމު ރޯލުތަކުން ފެނިގެންދާ 'އޭ ދިލް ހޭ މުޝްކިލް' އަކީ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޚަބަރުތައް ބުނާ ގޮތުން އެ ފިލްމަކީ ޔަޝް ޗޯޕްރާގެ 'ދޫސްރާ އާދްމީ' އަސްލަކަށް ބަލައިގެން ކަރަން ލިޔެފައިވާ ވާހަކައެކެވެ.

ފިލްމުގެ ޓްރެއިލަރު އަދި ލަވަތަކުން ވެސް، ފިލްމަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް ޔަގީން ކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ފިލްމުގެ މުހިންމު ރޯލަކުން ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ފެނިގެންދާއިރު، ފިލްމުގެ ޚާއްސަ ފެނިލުންތަކުގެ ތެރޭގައި ޝާހް ރުކް ޚާން، އާލިއާ ބަޓް އަދި ލިސާ ހޭޑަން ހިމެނެ އެވެ.

'އޭ ދިލް ހޭ މުޝްކިލް' އާ ޚިލާފަށް 'ޝިވާއޭ' އަކީ އެކްޝަން ފިލްމެކެވެ. ފިލްމުގައި ލޯބީގެ ބައި ވެސް ހިމެނޭނެ އެވެ.

އަޖޭ ޑައިރެކްޓުކޮށް، ޕްރޮޑިއުސްކޮށް އަދި އެކްޓު ވެސް ކޮށްފައިވާ އެ ފިލްމުގައި ދެން ފެނިގެންދާނީ އެރިކާ ކާރް އަދި ސައްޔެޝާ ސައިގަލް އެވެ.

ފަރުބަދަތަކަށް އަރާ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމުގެ ޓްރެއިލާ އަދި ލަވަތައް ވެސް ވަރަށް ފުރިހަމައެވެ.

ދެ ފިލްމުގެ ޓިކެޓް ވިއްކުން ކުރިއަށް ދާއިރު، ކުރީގައި އުޅެނީ ކަރަންގެ އޭ ދިލް ހޭ މުޝްކިލް އެވެ. އެ ފިލްމަށް ބެލުންތެރިންގެ ޑިމާންޑު ބޮޑުވުމުން، ބައެއް ސިނަމާތަކުން މިހާރު ވަނީ އެ ފިލްމުގެ ޝޯވ ތަކުގެ އަދަދު އިތުރުކޮށްފައެވެ.

ބައެއް ސިނަމާތަކުން ބުނެފައިވާ ގޮތުން 'އޭ ދިލް ހޭ މުޝްކިލް'ގެ ފުރަތަމަ ހަތަރު ދުވަސް މިހާރު ވަނީ ހައުސްފުލް ވެފައެވެ.

ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ތިން ދުވަހަށް ފަހު 'ޝިވާއޭ' ބަލަން މީހުން ވަންނަ އަދަދު ވެސް އިތުރުވާނެ އެވެ.