28 Oct 2016, 10:49
ޓާޓާ ކުންފުނީގެ މުވައްޒަފުންގެ ކުރިމަތީގައި އެކުންފުނީގެ އަގު ވައްޓާލުމަށްޓަކައި އެކުންފުނީގެ ކުރީގެ ޗެއާމަން ސައިރަސް މިސްޓްރީ މަސައްކަތް ކުރެއްވި ކަމަށާއި އެއީ މައާފު ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށް ޓާޓާ ކުންފުނިން ބުނެފިއެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ގްރޫޕު ޓާޓާގެ ޗެއާމަންކަމުގައި 2012 ވަނަ އަހަރުން ފެށިގެން ހުންނެވި ސައިރަސް މިސްޓްރީ، މި ހަފްތާގެ ތެރޭގައި އެ މަގާމުން ވަކި ކުރުމާ އެކު، ސައިރަސް ވަނީ ޓާޓާގެ ބޯޑަށް ފާޑު ކިޔައި، . އެ ސިޓީ ވަނީ މީޑިއާގައި ލީކު ވެފައެވެ.
އެ ސިޓީއަށް ރައްދު ދެމުން ޓާޓާ ގްރޫޕުގެ ހޯލްޑިންގް ކުންފުނި ޓާޓާ ސަންސްއިން ނެރުނު ބަޔާނެއްގައި ބުނީ، އެކުންފުންޏާއި އެކުންފުނީގެ ސަބްސިޑަރީތަކާއި ބައެއް ވަކިވަކި ފަރާތްތަކާ މެދު ސާބިތު ނުހިފޭ ފަދަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި އެ ތުހުމަތުތަކަށް ޓާޓާއިން ރައްދު ދެމުން ދާނެ ކަމަށެވެ.
ޓާޓާއިން ބުނީ ވަކިކުރި ޗެއާމަން ސައިރަސް މިސްޓްރީއަކީ ޓާޓާގެ ބޯޑުގައި 2006 ވަނަ އަހަރުން ފެށިގެން އިންނެވި ބޭފުޅެއް ކަމުން، އެކުންފުނީގައި ކަން ހިނގާ ގޮތްތައް އޭނާއަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޗެއާމަނަށް އަބަދުވެސް ކުންފުނީގެ ފުރިހަމަ ބާރާއި އިޚްތިޔާރުތައް ލިބޭ އިރު، އޭނާގެ ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން ބޯޑުގެ އެހެން މެމްބަރުން އޭނާ ލައްވައި ގަދަކަމުން ކަންކަން ކުރުވުމަކީ ސާބިތު ހިފޭ ކަމެއް ނޫން ކަމަށް ވެސް ޓާޓާ އިން ބުންޏެވެ.
ސައިރަސްގެ ސިޓީގައި އޭނާ ބުނިގޮތުގައި ޓާޓާގެ ވަގުތީ ޗެއާމަންކަން މިހާރު ކުރަމުންދާ ރަތަން ޓާޓާ ވަނީ އޭނާ ލައްވާ ބައެއް ޑީލްތަކުގައި ގަދަކަމުން ސޮއިކުރުވާފައެވެ. އަދި ޓާޓާއަށް ފައިދާ ނުކުރާ ގިނަ ވިޔަފާރިތަކެއް އެބަ ހުރި ކަމަށާއި އެ ވިޔަފާރިތަކާ ހުރެ ޓާޓާއަށް 18 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ކޮށްފާނެކަމަށް އޭނާ ބުނެފައިވެއެވެ.
ޓާޓާއިން ބުނީ އެ މައްސަލަތަކާއި ސާބިތު ނުހިފޭ ތުހުމަތުތައް ސައިރަސް ތިލަކުރެއްވީ މަގާމުން ވަކިކުރުމުން ކަމަށާއި އެހެންކަމުން އޭނާގެ ނިޔަތާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
ޓާޓާއިން ބުނީ، ސައިރަސް ޗެއާމަންކަމުން ވަކިކުރީ ޓާޓާ ސަންސްގެ ޑިރެކްޓަރުންގެ ބޯޑަށް އޭނާގެ އިތުބާރު ގެއްލުމުން ކަމަށެވެ. އަދި ސައިރަސްގެ ޗެއާމަންކަމުގެ ދަށުގައި ޓާޓާގެ ބައެއް ވިޔަފާރިތަކުގެ ޑެފިސިޓް ވެސް އިތުރުވަމުން ދިޔަ އިރު، އެކަންކަމަށް މާ ބޮޑު ފަރުވާލެއް ސައިރަސް ނުބެހެއްޓި ކަމަށް އެކުންފުނިން ބުންޏެވެ.
"އެހެންކަމުން ޓާޓާ ސަންސްގެ ބޯޑުން، ބޯޑުގެ ހިކުމަތްތެރިކަމާ އެކު ޗެއާމަން ބަދަލުކުރުމަށް ނިންމުމެއް ނިންމީ،" ޓާޓާގެ ބަޔާނުގައި ވެއެވެ.
ޓާޓާއިން ބުނީ ސައިރަސްގެ ކޮންފިޑެންޝަލް ސިޓީ އާންމުވި އިރު، އޭގައި އޭނާ ކޮށްފައިވާ ތުހުމަތުތަކަކީ ސާބިތު ހިފޭ ކަންކަން ނޫން ކަމަށެވެ. އަދި އޭނާގެ ތުހުމަތުތަކުގެ ހަގީގަތް ދެއްކުމަށް ވަކިވަކި މައުލޫމާތާއި، ފުރިހަމަ ނޫން މައުލޫމާތު ވެސް އާންމު ކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް ފުރިހަމަ މައުލޫމާތުތައް އާންމުވުމުން އެ ތުހުމަތުތަކަކީ ގޯސް ތުހުމަތުތަކެއްކަން ހާމަވާނެ ކަމަށް ޓާޓާއިްނ ބުންޏެވެ.
"މި ރިކޯޑުތައް އަޅުގަނޑުމެން އާންމުކުރާނަން، ހާމަކުރަންޖެހޭ ފޯރަމްތަކުގައި،" ޓާޓާއިން ބުންޏެވެ.
ސައިރަސް ޓާޓާއަށް ފޮނުވި ސިޓީގައި ވަނީ މެލޭޝިއާގެ އެއާ އޭޝިއާއާ ގުޅިގެން އެއާ އޭޝިއާ އިންޑިއާ އުފެއްދުމުގެ އެއްބަސްވުމުގައި "އަވަހަށް ސޮއިކޮށް ނިންމާލުމަށް" ރަތަން ޓާޓާ އެންގި ކަމަށާއި، އެކަމާ ދެކޮޅަށް އޭނާ ކުރި މަސައްކަތް ބޭކާރުވީ ކަމަށެވެ.
އަދި ސިންގަޕޯރ އެއާލައިންސްއާއި ޓާޓާއާ އެކު ވިސްޓާރާ ކިޔާ ޖޮއިންޓް ވެންޗާއެއް އުފެއްދި އެގްރިމެންޓުގައި އޭނާ ސޮއިކުރަން ޖެހުނީ ކަމަށާއި، އެ ޕްރޮޕޯޒަލް ރަނގަޅަށް އިވެލުއޭޓު ކުރުމަށް ޓާޓާގެ ބޯޑުން އޭނާއަށް ވަގުތު ވެސް ނުދޭކަމަށް ސައިރަސް ވިދާޅުވިއެވެ.