ޓްވިޓާއިން "ވައިން" ވީޑިއޯ ޝެއާރިންގް ސާވިސް ހުއްޓާލަން ނިންމައިފިއެވެ.

"ވައިން" އަކީ ހަ ސިކުންތުގެ ކުދި ވީޑިއޯތައް، ލޫޕްތަކެއްގެ ގޮތުގައި ޝެއާ ކުރެވޭ ޚިދުމަތެކެވެ.

ދެހާސް ބާރަވަނަ އަހަރު "ވައިން" އުފެއްދި އިރު، އެ ޚިދުމަތް ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން ޓްވިޓާއިން ވަނީ އެ ޚިދުމަތް 30 މިލިޔަން ޑޮލަރަށް ގަނެފައެވެ.

ޓްވިޓާއިން މިދިޔަ ބުރާސްފަތި ދުވަހު ބުނި ގޮތުގައި އެކުންފުންޏަށް ދިމާވެފައިވާ މާލީ ހާލަތަކާ ގުޅިގެން، އެކުންފުނީގެ ނުވަ ޕަސަންޓު މުވައްޒަފުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ވައިން ވީޑިއޯ ސާވިސް ވެސް ހުއްޓާލާނެކަމަށް ޓްވިޓާއިން ބުންޏެވެ.

ވައިންގެ ޚާއްސަ ވެބްސައިޓަކާއި މޯބައިލް އެޕެއް ވެސް އޮންނަ އިރު، މި ޚިދުމަތް ވަނީ ޓްވިޓާގެ ތެރެއަށް ވެސް އިންޓަގްރޭޓު ކޮށްފައެވެ.

ވައިން ސާވިސް ހުއްޓާލަން ޓްވިޓާއިން ނިންމި ނަމަވެސް، އެކުންފުނިން ބުނީ ވައިން ބޭނުންކުރާ 200 މިލިޔަނަށް ވުރެ ގިނަ ޔޫޒަރުން އަޕްލޯޑުކޮށްފައިވާ އެއްވެސް ވައިންއެއް ގެއްލިގެން ނުދާނެ ކަމަށެވެ.

"ވައިންތަކާއި އެޕްތަކާއި ވެބްސައިޓަށް މިއަދު އެއްވެސް ގޮތެއް ނުވާނެ. ޔޫޒަރުންގެ ވައިންތަކުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން. އެހެންކަމުން މިކަން އަޅުގަނޑުމެން ކުރާނީ ރަނގަޅު ގޮތުގައި. ޔޫޒަރުންނަށް ހުރިހާ ވައިންއަކަށް އެކްސެސް ކުރެވި، ޑައިންލޯޑު ކުރެވެނެ. އަޅުގަނޑުމެން ގަބޫލުކުރަނީ ޔޫޒަރުންނަށް އެ ހައްގު އޮންނަން ޖެހޭނެކަމަށް. ބަދަލެއް ގެނައުމުގެ ކުރިން އެކަން އަޅުގަނޑުމެން އަންގާނަން،" ޓްވިޓާއާއި ވައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.