ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭންފެށި ފުރަތަމަ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން (ދިރާގުން) ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއަކާއި ފައިދާއެއް ހޯދަމުން އަންނަ އިރު، މިދިޔަ އަހަރަށް ވުރެ ބޮޑު އާމްދަނީއަކާއި ފައިދާއެއް ހޯދުމަށް ދިރާގުން ހިފާފައިވާ އަމާޒު ހާސިލުވާނެ ކަމުގެ ކޮޅުމަތި މިވަނީ ފެންނަން ފަށައިފައެވެ.

ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮންނަ އަހަރުގެ ގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ދިރާގަށް މިވަނީ 616.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އަދި އެ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ދިރާގަށް 203.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އަހަރުގެ މިހާތަނަށް ނިމުނު ތިން ކުއާޓަރުގެ ޖުމްލައިން ދައްކާ ގޮތުގައި ދިރާގަށް ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިވަނީ ހަމަވެފައެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިރާގަށް 1.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، އެހާ ހިސާބަށް ފައިދާގެ ގޮތުގައި 653 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

"މިއީ އަންދާޒާކުރި ވަރަށް ވުރެ ވެސް ރަނގަޅު މާލީ ނަތީޖާތަކެއް. މިއީ ވަރަށް އުނދަގޫ މާހައުލެއް، ވާދަވެރިކަން ވެސް ވަރަށް ބޮޑު. އެކަމަކުވެސް މިވަރުގެ ނަތީޖާއެއް ނެރެވުނީތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން،" ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް ވިދާޅުވިއެވެ.

ރޮބިން ވިދާޅުވީ، ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯބައިލްގެ ޚިދުމަތާއި މޯބައިލް ޑޭޓާއިން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ މޯބައިލް ޑޭޓާގައި ވަރަށް ބޮޑު ގްރޯތެއް. ކަސްޓަމަރުންގެ ވަރަށް ބޮޑު ޑިމާންޑެއް އޮވޭ ޑޭޓާއަށް. އަބަދާއި އަބަދު ހެން ބޭނުންކުރޭ،"

ދެން އުފެދޭ ސުވާލަކީ، މިހާރު ފެށިގެން ކުރިޔަށްދާ ކުއާޓަރުގައި ދިރާގުގެ މާލީ ޕަފޯމަންސް ދާނީ ކިހިނެއްތޯއެވެ.

މިދިޔަ ތިން އަހަރުގެ ފަހު ކުއާޓަރަށް ވަކިވަކިން ބަލައިލާއިރު، ކޮންމެ އަހަރަކު ވެސް ދިރާގަށް 500 މިލިޔަނަށް ވުރެ ބޮޑު އާމްދަނީއަކާއި 160 މިލިޔަނަށް ވުރެ ބޮޑު ފައިދާއެއް ކޮށްފައިވެއެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި ވެސް ދިރާގަށް މަދުވެގެން 500 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ ނަމަ، ދިރާގުގެ މިއަހަރުގެ ޖުމްލަ އާމްދަނީ 2.3 ބިލިޔަން ރުފިޔާއަށް ވުރެ މަތިވާނެއެވެ. އެ ވާނީ ދިރާގުގެ މިދިޔަ 10 އަހަރު ދުވަހުގެ އާމްދަނީއަށް ބަލާއިރު ވެސް ރިކޯޑު އަދަދަކަށެވެ. މިދިޔަ އަހަރު ދިރާގަށް ލިބުނު ޖުމްލަ އާމްދަނީއަކީ 2.27 ބިލިޔަނެވެ. އެއީ މިހާތަނަށް ދިރާގަށް ލިބިފައިވާ އެންމެ ބޮޑު އާމްދަނީކަން ފާހަގަ ކުރެވެއެވެ.

އަދި މިއަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް މަދުވެގެން 160 މިލިޔަނަށް ވުރެ ބޮޑު ފައިދާއެއް ލިބިއްޖެ ނަމަ، ދިރާގުގެ މިއަހަރުގެ ޖުމްލަ ފައިދާ 800 މިލިޔަން ރުފިޔާއަށް ވުރެ މަތިވާނެއެވެ. ދެހާސް ނުވަވަނަ އަހަރު ދިރާގުން ވަނީ 830 މިލިޔަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ. އެހެން ނަމަވެސް ޕަބްލިކް ކުންފުންޏަކަށް ދިރާގު ބަދަލުކުރި ފަހުން ދިރާގަށް އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ މިދިޔަ އަހަރު ލިބުނު ފައިދާ ކަމުގައިވާ 724.5 މިލިޔަން ރުފިޔާގެ ފައިދާއެވެ.

އެހެންކަމުން މިދިޔަ ތިން އަހަރު ދުވަހުގެ ފަހު ކުއާޓަރުގައި ދިރާގުން ހޯދި މިނިމަމް އާމްދަނީއާއި ފައިދާއާ އެކު ވެސް، މިއަހަރަކީ ދިރާގަށް މިހާތަނަށް އެންމެ ކާމިޔާބު މާލީ އަހަރުކަމުގައި ހެދުމުގެ ފުރުސަތު ބޮޑެވެ.

ދިރާގުގެ ސީއެފްއޯ ރޮބިން ވިދާޅުވީ، މިއަދު ލިބުނު ކުރިއެރުމަކާ ހަމައިން އެކުންފުނީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

"އަޅުގަނޑުމެން ދާނީ އަޅުގަނޑުމެންގެ ނެޓްވޯކު އިމްޕްރޫވްކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރުމަށް އެކަންކަމަށް އިންވެސްޓު ކުރަމުން. އަދި ކަސްޓަމަރުން ބޭނުންވާ އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތާއި ހައި ސްޕީޑު ޑޭޓާވެސް ފޯރުކޮށްދެމުން،" އޭނާ ވިދާޅުވިއެވެ.