28 Oct 2016, 00:47
ސަރުކާރު ހިންގާ ޕީޕީއެމް ދެފަޅިވެ، ފެކްޝަން އުފެދިފައިވަނިކޮށް، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބެލުމުގެ ދަށުގައި ހުރި ޕީޕީއެމްގެ މައި އޮފީސް ހ. ތެމާ ގޭގައި ބަޔަކު ތަޅު އަޅުވައިފި އެވެ.
ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސް އަމިނަތު ނާދިރާ "ސަން"އަށް މިރޭ ވިދާޅުވީ މިރޭ ދަންވަރު ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ބަޔަކު އެ ޕާޓީގެ އޮފީހުގައި ތަޅުއަޅުވާފައިވާ ކަމަށެވެ.
އެ ވަގުތު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށާއި ނަމަވެސް ތަޅުއެޅުވީ ކޮންބައެއްކަން ފުލުހުންގެ ފަރާތުން ސާފު ނުވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުދިން އެތަޅު ނައްޓަން ބުނުމުން ފުލުހުން އެ ފުރުސަތެއް ނުދިން، އަޅުގަނޑުމެނަށް މައުލޫމާތު ލިބުނު އަނެއް ފެކްޝަންގެ ހަލީލް [އަނެއް ފެކްޝަންގެ އެސްޖީ ޑރ.އަބްދުﷲ ހަލީލް] މި ސަރަހައްދުގައި އުޅުއްވި ކަމަށް،" ނާދިރާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ހަލީލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ޕީޕީއެމް އޮފީހުގައި ބާއްވަން އުޅުނު ޖަލްސާ ބޭއްވިޔަ ނުދީ ފުލުހުން ވަނީ ހުއްޓުވާފަ އެވެ.
ޝީ ބިލްޑިންގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ މިސަރުކާރަށް ކުރައްވާ ތާއީދު ގެންދެވިކަން އިއުލާން ކުރައްވާފަ އެވެ.