27 Oct 2016, 23:55
ދުނިޔޭގެ އެންމެ އަގުބޮޑު އަންހެން އެކްޓަރުންގެ ލިސްޓުގައި ހިމެނޭ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ޗުއްޓީ ހޭދަކޮށްލަން އައިލާއާއެކު އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދީޕިކާ ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރު 12:30 ގައި އެއާ އިންޑިއާގެ ފްލައިޓަކުންނެވެ.
އާއިލާއާއެކު ދީޕިކާ ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.
ދީޕިކާ ވަނީ މީގެ ކުރިން ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އެގޮތުން މިއަހަރުގެ އާ އަހަރު ފާހަގަކުރުމަށް ވެސް އޭނާ ވަނީ އާއިލާއެކު ރާއްޖެ އައިސްފައެވެ.
ނ. އަތޮޅުގެ ރިސޯޓެއްގައި އެފަހަރު ޗުއްޓީ ހޭދަކުރުމަށް ދީޕިކާ ރާއްޖެ އައިއިރު، އޭނާގެ ލޯބިވެރިޔާ ރަންވީރް ސިންގް ވެސް ވަނީ ފަހުން ރާއްޖެ އައިސްފައެވެ. ބޮލީވުޑުގެ އެންމެ ކަމުދާ އެ ދެ ޖޯޑު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފަހުން ވަނީ އެހެން މަންޒިލަކަށް ގޮސްފަ އެވެ.
ނަމަވެސް މިހާރު ދީޕިކާ އާއި ރަންވީރާ ދެމެދު މައްސަލަ ޖެހި، ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން، ދެ މީހުންގެ ގުޅުން މިހާރު ވަނީ ދުރުވެފަ އެވެ.