28 Oct 2016, 10:39
އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަޅުވެތިކަމުން ސަލާމަތް ވި ދެ އަންހެނަކަށް ޔޫރަޕްގެ އިއްތިހާދުން ދޭ، އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ އެވޯޑު ދީފިއެވެ.
މި އެވޯޑު ދީފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި އަޅުންގެ ގޮތުގައި އިރާގުގެ ސިންޖާރުން ރަހީނު ކުރި އަންހެނުންގެ ތެރެއިން ސަލާމަތްވި، ނާދިއާ މުރާދު ބަސީއާއި ލަމިޔާ އަޖީ ބަޝަރު އަށެވެ.
އައިއެސްގެ އަޅުވެތިކަމުން ސަލާމަތްވުމަށްފަހު ނާދިއާ އާއި ލަމިޔާ މިހާރު މަސައްކަތް ކުރަމުންދަނީ ޔަޒީދީންގެ ހައްގުތައް ހިމާޔަތް ކުރުމަށެވެ.
ޔޫރަޕްގެ އިއްތިހާދުން ދެމުން އަންނަ، ސަޚަރޮވް އެވޯޑަކީ ފިކުރީ މިނިވަން ކަމަށް ގޮވާލާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
އެ ދެ އަންހެނުންގެ ނަން މި އެވޯޑަށް ހުށަހަޅާފައިވަނީ ލިބެރަލް އަލްޑޭ ގްރޫޕުންނެވެ. އެގްރޫޕުގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، ގާއި ވާހިހޮސްޓަޓް ސިފަކުރައްވާފައިވާ ގޮތުގައި އެ ދެ އަންހެނުންނަކީ، އަނިޔާވެރިކަމުން ސަލާމަތްވެ، އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަަސައްކަތް ކުރަމުންދާ މިސާލެއް ނެތް ފަދަ "އިންސްޕިރޭޝަނަލް" ބައެކެވެ.
މީގެ ދެ އަހަރު ކުރިން އިރާގުގައި އައިއެސްއިން ހަރަކާތްތެރިވި އިރު ސިންޖާރު ޕްރޮވިންސް އިން 10،000 އަށްވުރެ ގިނަ އަންހެނުން ރަހީނުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އައިއެސް އިން އެ އަންހެނުން ގެންގެޅެނީ ޖިންސީ އެދުން ފުއްދުމަށް އަޅުވެތިކޮށްގެންނެނެވެ.