އިންސްޓްޓިއުޓް އޮފް ކޯޕަރޭޓް ޑިރެކްޓަސް އެންޑް ސެކްރެޓަރީސް [އައިސީޑީއެސް]ގެ ނަމުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ [ސީއެމްޑީއޭ] އިން އާ އިންސްޓްޓިއުޓެއް އުފައްދައިފި އެވެ.

ސީއެމްޑީއޭ އިން ބުނި ގޮތުގައި އަލަށް މިއުފެއްދި އިންސްޓްޓިއުޓްގެ މަގުސަދަކީ ކުންފުނިތަކުގެ މެދުގައި މަތީ ފެންވަރުގެ ކޯޕަރޭޓް ގަވާނެންސް ކުރިއެރުވުމެވެ. އަދި ބައިނަލްއަގުވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް މަސައްކަތްކުރާ ކޯޕަރޭޓް ޑައިރެކްޓަރުންނާއި ސެކްރެޓަރީން އުފެއްދުމެވެ.

އިގުތިސާދާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ޓަކައި މިހާރު ހުރި ކުންފުނިތައް އިސްލާހުކުރުމަށް އަމާޒުކޮށްގެން ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމުގައި އައިސީޑީއެސް އިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ.

ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ސެކްރެޓަރީންގެ އިތުބާރު ބޮޑުކުރުމަށް ޓަކައި އައިސީޑީއެސްއިން މަސައްކަތު ބައްދަލުވުންތަކާއި ތަމްރީން ދިނުމުގެ އިތުރުން އެފަދަ މީހުންނަށް ލަފާ ދިނުމަކީ ވެސް އައިސީޑީއެސް އިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.

އައިސީޑީއެސްގެ މެމްބަރަކަށް ވުމަށްޓަކައި ވަކިފަރުދަކު ދައްކަން ޖެހެނީ މަހަކު 250ރ. އެވެ. އަދި ކުންފުންޏަކުން ނަމަ 1000ރ. އެވެ.