ޕީޕީއެމްގެ މުޝްތަޝާރަށް ނާންގައި، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޕީޕީއެމްގެ ނަމުގައި ޖަލްސާ ނުބޭއްވޭނެ ކަމަށް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ހިންގުން އެ ޕާޓީގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވަނިކޮށް ޕާޓީގެ މުޝްތަޝާރަށް ނާންގައި ޕާޓީގެ ނަމުގައި ޖަލްސާ ބޭއްވުމުގެ ބާރެއް ރައީސް މައުމޫނަށް ލިބިވަޑައިގެންފައި ނުވާ ކަަމަށެވެ.

އޭނާ އެހެން ވިދާޅުވި އިރު، ޕީޕީއެމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މައުމޫން އިސްވެ، ހުންނަވައިގެން ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މިރޭ އެ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ ޕީޕީއެމްގެ މައި އޮފީސް ކުރިމަތީ އާޓްފިޝަލް ބީޗު ސަރަހައްދުގަ އެވެ.

ރައީސް ޔާމީނާ ޕީޕީއެމް ހަވާލު ކުރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދު ކޮށްފައިވާއިރު، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މިއަދު ރައީސް މައުމޫނުގެ ފެކްޝަނާ ގުޅިވަޑައިގެން، ވަކި ޕާލިމެންޓަރީ ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް މިރޭ ވިދާޅުވީ ޕީޕީއެމްގެ ނަމުގައި މިރޭ ބާއްވާ ޖަލްސާއަކީ ޕާޓީގެ މުޝްތަޝާރަށް އެންގުމެއް ނެތި ބާއްވާ ޖަލްސާއެއް ކަމުގައި ވީ ނަމަވެސް ޖަލްސާ ހުއްޓުވުމަށް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ކަންކަން ސުލްހަވެރިކަމާއެކު ހައްލުކުރެވޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.