27 Oct 2016, 19:45
ކްލަބު ޒެފްރޯލް 0-4ގެ ނަތީޖާ އަކުން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދެމިއޮތުމުގެ އުންމީދު ވިކްޓަރީން ބޮޑު ކޮށްފި އެވެ.
ވިކްޓަރީއަށް ޕްލޭ އޮފް ކުޅެން ޖެހުނީ ލީގުގެ ހަތް ވަނައަށްދާ ޓީމަކާ ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމާ ދެމެދެ ދެ ލެގުގެ އުސޫލުން ކުޅެ ކުރި ލިބޭ ޓީމެއް އެއްވަނަ ޑިވިޝަނަށްދާ ގޮތަށް އޮތުމުންނެވެ. ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ޒެފްރޯލް ދިޔައީ ފައިނަލް މެޗުގައި ގްރީން ސްޓްރީޓް އަތުން ބަލިވެގެންނެވެ.
މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅު ވިކްޓަރީއަށް ލީޑު ނަގައިދިނީ އަހުމަދު ރިޒްވާން އިސްމާއިލެވެ. އެ ގޯލަށް ފަހު ޒެފްރޯލްއިން ވަނީ ވިކްޓަރީން އިތުރު ގޯލެއް ކާމިޔާބު ކުރިޔަނުދީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓާ ހަމައަށް ހިފައްހައްޓާލާފައެވެ.
ކޮލިފައިންގައި ފުރަތަމަ ލެގްގައި ވިކްޓަރީ އާއި ޒެފްރޯލް ބައްދަލު ކުރި މެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ވިކްޓަރީގެ ދެވަނަ ގޯލު ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގައި އެޓީމަށް ކާމިޔާބްކޮށްދިނީ ޒެފްރޯލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގާދިން ހުރަސް ގޮޑްފްރޭ ވެސްޓް ބޮލުން ގޯލުގެތެރެއަށް ވައްދާލައިގެންނެވެ.
ވިކްޓަރީގެ ތިން ވަނަ ގޯލަކީ ޒެފްރޯލް ކުޅުންތެރިއެއްގެ ގައިގަ ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. ދެވަނަ ހާފްގެ ތިން ވަނަ މިނެޓްގައި ޒެފްރޯލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ވެސްޓް ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޒެފްރޯލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް އެގޯލު ވަނީ ވަދެފައެވެ.
ވިކްޓަރީގެ ތިން ވަނަ ގޯލު ވެސް ކާމިޔާބް ކޮށްދިނީ ވެސްޓްއެވެ. މެޗުގެ 66 ވަނަ މިނެޓްގައި އޭނާ އެގޯލު ކާމިޔާބް ކުރީ ޒެފްރޯލްގެ ޕަނަލްޓީ އޭރިއާ ތެރެއަށް ހުސެން ޝިއުބާން ނަގައިދިން ހުރަހެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ކޮލިފައިންގައި ފުރަތަމަ ލެގްގައި ވިކްޓަރީ އާއި ޒެފްރޯލް ބައްދަލު ކުރި މެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދެވަނަ ހާފްގެ ފަހު ވިހި މިނެޓްގައި ވިކްޓަރީން ވެސްޓް ބަދަލުކޮށްފައިވާ އިރު އެ ޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބް ކުރެވޭ ގޮތް ނުވެފައެވެ.
ދެވަނަ ލެގްގައި މި ދެޓީމް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. އެމެޗުން ވިކްޓަރީ 4-0ގެ ނަތީޖާ އަކުން ނޫންގޮތަކަށް ބަލިވި ނަމަވެސް އެޓީމަށް އެއްވަނަ ޑިވިޝަނުގައި ދެމިތިބެވޭނެ އެވެ.