28 Oct 2016, 13:51
ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ، ޓްވިޓާގެ އާމްދަނީ ދަށްވުމާ ގުޅިގެން މުއައްޒަފުން މަދު ކުރުމަށް އެކުންފުނިން ނިންމައިފިއެވެ.
ޓްވިޓާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި، އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 616 މިލިއަން ޑޮލަރެވެ. މިއީ ލަފާ ކުރި މިންވަރަށްވުރެ މަތި އަދަދަކަށްވި ނަމަވެސް މި އަދަދަކީ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީއާ އަޅައިބަލާއިރު 20 ޕަސެންޓު މަދު އަދަދެކެވެ.
އާމްދަނީ ދަށްވުމާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުންފުނިން ވަނީ މުވައްޒަފުން މަދުކުރަން ނިންމާފައެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެކުންފުނީގެ މުއައްޒަފުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ނުވަ ޕަސެންޓު މީހުން ވަކި ކުރުމަށް ވަނީ ނިންމާފައެވެ.
އަހަރުގެ ތިން ވަނަ ކުއާޓަރުގައި އާމްދަނީ ދަށްވި ނަމަވެސް ޓްވިޓާ ބޭނުން ކުރާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިމުއްދަތުގައި ޓްވިޓާ ބޭނުން ކުރަން ފެށި މީހުންގެ މިންވަރު ވަނީ ތިން ޕަސެންޓު އިތުރުވެ، 317 މިލިއަނަށް އަރާފައެވެ.
އާމްދަނީގެ އިތުރުން، މި މުއްދަތުގައި އެކުންފުނީގެ ހިއްސާތައްވެސް ވަނީ ތިން ޕަސެންޓު ދަށްވެފައެވެ. އެއާއެކު ކުންފުންޏަށް މި ކުއާޓަރުގައި ވަނީ 102.8 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 131.7 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ކުރިއެރުން. ލޯންގް ޓާމް ގްރޯތްއާ ދިމާލަށް ކުންފުނީގެ މިސްރާބު ޖަހާފައިވާއިރު އަޅުގަނޑުމެން މިދަނީ ކުންފުންޏަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ގެންނަމުން. ލޯންގް ޓާމް ގްރޯތްއާ ދިމާލަށް ވާސިލް ވުމަށް ބޭނުންވާ ހުރިހާ ކަމެއް ހުރީ ޕޮޒިޓިވްކޮށް،" ޓްވިޓާގެ ސީއީއޯ، ޖެކް ޑޯސީ ވިދާޅުވިއެވެ.