27 Oct 2016, 17:36
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދުކޮށްފި އެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ޕީޕީއެމް މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ނިންމާފައި ވަނީ ދަށު ކޯޓުން ހުކުމްކޮށް، އަދި ހައި ކޯޓުން ތާއިދުކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އެހެންކަމުން އިސްތިއުނާފަށް ހުށަހަޅާފައިވާ އެ މައްސަލަ "ބަލައިގަނެ، އިސްތިއުނާފު ކުރުމުގެ ހުއްދަ" ހުއްދަ ދެވެން ނެތް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
"ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޟިއްޔާ ގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތަތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ އާއި، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން ބަލައިގަނެ، ހުއްދަ ދޭންޖެހޭ މައްސަލައެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވާކަން އެންގީމެވެ،" ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ހިންގުން ވަގުތީ ގޮތުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނުބާއްވާތީ، އެ ޕާޓީގެ ހިންގުން ހުއްޓިފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާއަކާ ގުޅިގެންނެވެ.
މި މަހުގެ 16 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައި ވަނީ ވަނީ އެ ޕާޓީގެ ކައުންސިލުން ވަކިގޮތެއް ކަނޑައަޅަންދެން، އެ ޕާޓީގެ ހިންގުމާ ބެހޭ އެންމެހައި ކަންކަން ބަލައި ހިންގާނީ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީން ކަމަށެވެ.
އެ އަމުރާއެކު ރައީސް ޔާމީނާއި ރައީސް މައުމޫންގެ ރިޔާސަތުގައި ދެ ބޭފުޅުން ވަނީ ވަކިވަކިން އެ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން ފައްޓަވާފަ އެވެ. އަދި ޕާޓީ ދ ެފަޅިވެ، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ވެސް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ.
އެ ގޮތުން އެ ޕާޓީގެ ތެރޭގައި މިހާރު ވަނީ ރައީސް މައުމުންގެ ފެކްޝަނަކާއި ރައީސް ޔާމީންގެ ފެކްޝަނެއް އުފެދިފަ އެވެ.