ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ އިގްތިސާދީ ރިފޯމް އެޖެންޑާއަށް ސްރީލަންކާގެ ސަރުކާރުން ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ފެށި "ފީލް ސްރީލަންކާ" އެގްޒިބިޝަނާއި ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް (ރޓޑ) އަސޯކާ ތޮރަދޭނިޔާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ އެޖެންޑާގެ ހެޔޮ އަސަރުތައް ރާއްޖެއިން މިހާރު ފެންނަމުން ދާ ކަމަށެވެ.

ސަފީރު ވިދާޅުވީ، ރާއްޖޭގައި ތަންފީޒުކުރަމުންދާ އިގްތިސާދީ ތަސައްވަރަކީ ވަރަށް ރޭވުންތެރިކޮށް ތަންފީޒުކުރާ އެޖެންޑާއެއް ކަމަށެވެ.

"މި އިގްތިސާދީ ހެޔޮ ބަދަލުތައް ސްރީލަންކާގެ އިންވެސްޓަރުންނަށް ވެސް ފެންނަމުން ދާނެ. މިހާރު ރާއްޖޭގައި އިންވެސްޓު ކުރުމަށް އެއްވެސް ހުރަހެއް، އެއްވެސް ބިރެއް ނެތް،" ރާއްޖޭގައި ހުންނަވާ ލަންކާ އެމްބެސެޑަރ ތޮރަދޭނިޔާ ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހީން ސްރީލަންކާގެ އެހީ ހޯދަމުން އަންނަ ދާއިރާތައް ކަމުގައިވާ ފަތުރުވެރިކަން، ބޭސް ފަރުވާ، ތައުލީމު، ކޮންސްޓްރަކްޝަން އަދި ކާބޯތަކެތީގެ ދާއިރާތަކުން، ލަންކާގެ ކުންފުނިތަކުން ދަނީ ރާއްޖޭގައި މިހާރުވެސް އިންވެސްޓް ކުރަމުން ކަމަށެވެ.

ރާއްޖެއާ ލަންކާއާ އޮންނަ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި، އެމްބެސެޑަރ ތޮރަދޭނިޔާ ވިދާޅުވީ، ޖޯގްރަފީގެ ގޮތުން ވަކިވަކިން ދެ ގައުމު އޮތަސް، "ހިތުގެ އަޑިން ގަބޫލުކުރަނީ ލަންކާއާއި ރާއްޖެއަކީ އެއް ގައުމެއް ކަމަށް" ކަމަށެވެ. އަދި ރާއްޖެއަކީ އެމަނިކުފާނުގެ ދެވަނަ ވަޒަން ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވިއެވެ.

އެމްބެސެޑަރު ތޮރަދޭނިޔާ ވިދާޅުވީ ސްރީލަންކާގައި 30 އަހަރު ދުވަހަށް ކުރިޔަށް ދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި، ދުނިޔޭގެ އެކި ގައުމުތަކުން ސްރީލަންކާ އެކަހެރި ކޮށްލި ދުވަހު، އެގައުމާ އެކުގައި ހުރީ ދިވެހިރާއްޖެ ކަމަށެވެ.

"ރާއްޖެއިން ވަނީ ސްރީލަންކާ ދޫކޮށް ނުލައި، ލަންކާއާ އެއްކޮޅަށް ވާހަކަތައް ދައްކާފައި. ސްރީލަންކާއިން މިކަން ދުވަހަކުވެސް ހަނދާނުން ނައްތާ ނުލާނަން. އަދި ރާއްޖެއަށް ކޮންމެ ފަދަ އެހީއެއް ބޭނުން ޖެހިއްޖެ ހާލަތެއްގައި އަޅުގަނޑުމެން ވެސް ރާއްޖެއާ އެކު ތިބޭނަން،" އެމްބެސެޑަރ ތޮރަދޭނިޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުން އެންމެ ފަހުން އިންތިޚާބުކުރި ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރަކީވެސް ސިޔާސީ އަދި އިގްތިސާދީ މޮޅު އެޖެންޑާއަކައިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ. އަދި ލަންކާއަކީ އިގްތިސާދީ ގޮތުން ހުޅުވާލެވިފައިވާ ގައުމަކަށް ސަރުކާރުން ހަދާފައިވާ އިރު، ގިނަ އަދަދެއްގެ އިންވެސްޓަރުން ލަންކާއަށް ވެސް މިސްރާބު ޖަހަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ސްރީލަންކާއާއި ރާއްޖެއަކީ އެންމެ ކުރީއްސުރެ ވެސް ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. ރާއްޖެއާ އެންމެ ގާތުގައި އޮންނަނީ ވެސް ސްރީލަންކާ ކަމުގައިވާ އިރު، ސްރީލަންކާގައި 12،000 އަށް ވުރެ ގިނަ ދިވެހީން ދިރިއުޅެމުން ދެއެވެ.