ކުޅިވަރުގައި މަނާބޭސް ބޭނުން ކުރި ކަމަށް ޓެސްޓުތަކުން ސާބިތުވުމުން، 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ވެއިޓްލިފްޓިން (ބަރުއުފުލުން) އިން ރަން މެޑަލް ހޯދި ކަޒަކިސްތާނުގެ ތިން އަންހެން އެތުލީޓެއްގެ މެޑަލް އަތުލައިފި އެވެ.

މި ތިން އަންހެނުންނަކީ، މީގެ ކުރީން ރައްކާކޮށްފައި ހުރި އެ މީހުންގެ ސާމްޕަލްތައް އަލުން ޓެސްޓްކުރުމުން ސްޓިރޮއިޑްސްއަށް ޕޮޒިޓިވްވެ، ބުރާސްފަތި ދުވަހު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީންް ފިޔަވަޅު އެޅި އަށް އެތުލީޓުންގެ ތެރޭގައި ހިމެނޭ ތިން މީހުންނެވެ.

ކަޒަކިސްތާނަށް ނިސްބަތްވާ މި ތިން ގޯލްޑް މެޑަލިސްޓުންނަކީ ޒުލްފިޔާ ކްރިޝާން ލޯއާއި މާއިޔާ މެނެޒާ އަދި ސްވެޓްލަނާ ޕެޑްވެޑޯފެވެ.

ޑޯޕިން ޓެސްޓުން ފެއިލްވުމުގެ ސަބަބުން، ލަންޑަން އޮލިމްޕިކްގައި ރަންވަންލޯ މެޑަލް ހޯދި، ބެލަރޫސްގެ އަންހެން ވެއިޓްލިފްޓަރެއްގެ އަތުންވެސް ވަނީ މެޑަލް އަތުލައިފަ އެވެ. މީގެ އިތުރުން ބެލަރޫސްގެ އިތުރު ދެ ބަރުއުފުލުންތެރިއަކާއި، ރަޝިއާގެ ހެމަރ ތްރޯވަރ އަކާއި ރަޝިއާގެ ޕޯލް ވޯލްޓަރެއްވެސް ވަނީ ޑިސްކޮލިފައިކޮށްފައެވެ.

ކުޅިވަރުގައި ބޭނުންކުރުން މަނާ ބޭހަށް ޕޮޒިޓިވްވީ ނަމަވެސް، އޮލިމްޕިކްގައި ރިހި މެޑަލް ހޯދި ރަޝިއާގެ ބަރުއުފުލުންތެރިޔާ ބެސިކް ކުޑޮކޯފް 2013 ވަނަ އަހަރު ކާރުއެކްސިޑެންޓެއްގައި މަރުވެފައިވާތީ އޭނާގެ މައްސަލަ އިތުރަށް ނުބަލާގޮތަށް އައިއޯސީން ވަނީ ނިންމައިފައެވެ.

އައިއޯސީން ޑޯޕިން ސާމްޕަލް ނެގުމަށްފަހު، 10 އަހަރު ދުވަސްވަންދެން އެ ސާމްޕަލްތައް ރައްކާކޮށްފައި ބަހައްޓައެވެ. އެއީ، ޓެސްޓުކުރާ ނިޒާމުތައް އިތުރަށް ތަރައްގީވުމުން އަލުން ޓެސްޓްކޮށް ނަތީޖާއަށް ބަދަލެއް އަތުވެދާނެތީ އެވެ.

ލަންޑަން އޮލިމްކް ގޭމްސް އާއި ބެއިޖިންގ 2008 އޮލިމްޕިކްސް އިން އެގޮތަަށް ރައްކާކޮށްފައި ހުރި ސާމްޕަލްތައް އަލުން ޓެސްޓްކުރުމުން ވޭތުވެދިޔަ ދުވަސްތަކުގައި 98 ސާމްޕަލެއް ޑޯޕިން އިން ފެއިލްވެފައިވާ ކަމަށް އައިއޯސީން މައުލޫމާތުދެއެވެ.