27 Oct 2016, 16:40
ސްރީލަންކާއިން އެކި ދާއިރާތަކުން ދިވެހީންނަށް ލިބޭނެ ޚިދުމަތްތަކާއި ފުރުސަތުތަކާއެކު، "ފީލް ސްރީލަންކާ" ސިންގަލް ކަންޓްރީ އެގްޒިބިޝަން މާލޭގައި ފަށައިފި އެވެ.
ދަރުބާރުގޭގައި މިއަދު ފެށި މި މައުރަޒު ހުޅުވައި ދެއްވީ، ސްރީލަންކާއިން ރާޢްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މޭޖަރު ޖެނެރަލް އަސޯކާ ތޮރަދޭނިޔާ އެވެ.
ފީލް ސްރީލަންކާ މައުރަޒުގައި މައިގަނޑު ތިން ކަމެއް ކުރިޔަށް ދާނެ ކަމަށެވެ. އެއީ ވިޔަފާރީގެ މައުރަޒަކާއި، ތައުލީމާ ބެހޭ މައުރަޒެއްގެ އިތުރުން ހެލްތު މައުރަޒެކެވެ. މި ތިން ދާއިރާއަކީ، ދިވެހީން ސްރީލަންކާއަށް ގޮސް ޚިދުމަތް ހޯދާ މައިގަނޑު ތިން ދާއިރާއެވެ.
1. ޓްރޭޑް އެންޑް އިންޑަސްޓްރީ އެގްޒިބިޝަން:މި މައުރަޒުގައި ސްރީލަންކާގެ 30 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ފަރުނީޗަރާއި، އިންޖިނިއަރިންގް ޕްރޮޑަކްޓްސް އާއި ވޯޓާ ޕްރޫފިންގް ކޮމްޕެނީތަކާއި ޓެކްސްޓައިލްސް އާއި އެއާ ކޮންޑިޝަނަރާއި ކޮސްމެޓިކްސްގެ އިތުރުން އައިޓީ ކުންފުނިތަކުން ބައިވެރިވާނެ.
ރާއްޖޭގައި ހުންނަ ލަންކާގެ އެމްބެސެޑަރ ތޮރަދޭނިޔާ، ފީލް ސްރީލަންކާ ސިންގަލް ކަންޓްރީ އެގްޒިބިޝަން ބައްލަވާލައްވަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
2. ހެލްތު އެގްޒިބިޝަން:މި މައުރަޒުގައި ސްރީލަންކާގައި ސިއްހީ ޚިދުމަތް ދޭ 10 ހޮސްޕިޓަލަކާއި މަރުކަޒަކުން ބައިވެރިވާނެ. އޭގެ ތެރޭގައި މަޝްހޫރު ލަންކާ ހޮސްޕިޓަލްސް އާއި ނަވަލޯކަ ހޮސްޕިޓަލް ހިމެނޭ. މި އެގްޒިބިޝަނުގެ ދަށުން މި ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުންގެ ފަރާތުން، ސިއްހީ ރިޕޯޓުތަކަށް ސެކަންޑް އޮޕީނިއަން ހޯދޭނެ. އަދި ހެލްތު ޗެކަޕްގެ ޚިދުމަތް ހިލޭ ލިބޭނެ.
3. ސްރީލަންކާ އެޑިއުކޭޝަން އެކްސްޕޯ:ސްރީލަންކާގައި މަތީ ތައުލީމު އުނގެނުމަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ލަންކާގެ 20 ކޮލެޖަކާއި ޔުނިވާސިޓީތަކުން ބައިވެރިވާނެ. ސްކޮލަޝިޕްގެ ފުރުސަތުތައް ލިބޭނެ.
މައުރަޒުގެ މައިގަނޑު ތިން ހަރަކާތުގެ ހަވާސާގައި، ގިނަ ކަންތައްތަކެއް ކުރިޔަށް ދާނެއެވެ. އެގޮތުން، ހަވާސާގައި ކުރިޔަށްދާ ސްރީލަންކާ މޯލްޑިވްސް ބިޒަނަސް ފޯރަމް މިއަދު ވަނީ އިފްތިތާހު ކޮށްފައެވެ.
މި ފޯރަމްގައި ސްރީލަންކާއާއި ރާއްޖޭގެ ގިނަ ކުންފުނިތަކަކުން ބައިވެރިވެ އެވެ.
ފީލް ސްރީލަންކާ ސިންގަލް ކަންޓްރީ އެގްޒިބިޝަން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ކުރިޔަށް ދާނެއެވެ.
މި އެގްޒިބިޝަނަކީ އޭސް ޓްރެވަލްސް އާއި އިނާ މޯލްޑިވްސް ހޮލިޑޭޒް އާއި ސްރީލަންކާގެ އެޓްކެން ސްޕެންސް ގުޅިގެން ކުރިޔަށް ގެންދާ އެގްޒިބިޝަނެކެވެ. މި ހަރަކާތުގެ ޓައިޓަލް ސްޕޮންސާއަކީ ކޮކަކޯލާއެވެ.