ބޮލީވުޑްގެ މަޝްހޫރު ފިލްމު، "ގަޖިނީ" އިން ބޮލީވުޑަށް މަޝްހޫރުވެގެން ދިޔަ އެކްޓްރެސް އަސިން ތޯޓުމްކަލްގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، އަސިންގެ 31 ވަނަ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ފިރިމީހާ ރާހުލް ޝަރުމާއާއެކު، ރާއްޖޭގެ އެންމެ ހިތްގައިމު އެއް ރިސޯޓް، ޝަވެލް ބްލޭން ރަންދެލި ރިސޯޓުގައެވެ.

އަސިންގެ އިންސްޓަގުރަމް އެކައުންޓުގައި އޭނާ ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ފޮޓޯތައް ހިއްސާކުރަމުންދާއިރު، އޭނާ ރާއްޖެ އައިސްފައި ވަނީ މީގެ އެއް ދުވަސް ކުރިންނެވެ.

ދެކުނު އިންޑިއާގެ ޒުވާން މޮޑެލް އެއްގެ ގޮތުގައި ފުރަތަމަ މަޝްހޫރު ވެގެން އައި އަދި ފަހުން ފިލްމީ ދާއިރާއަށް ނުކުތް އަސިން އެންމެ ފުރަތަމަ ފިލްމެއް ކުޅެފައިވަނީ އުމުރުން އެންމެ 15 އަހަރުގައި މަލަޔާލަމްގެ ފިލުމެކެވެ. އޭގެ ފަހުން އޭނާ ކުޅެފައިވަނީ ތެލުގު ފިލްމުތަކެކެވެ.

ރީތި ބަތަލާއެއްގެ ގޮތުގައި ފާހަގަވެފައިވާ އަސިން ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ދެކުނު އިންޑިއާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ފިލްމު ކުޅެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު ސުރްޔާ، އާމިރު ޚާން، ސަލްމާން ޚާން އަދި ކަމާލް ހަސާން ކަހަލަ ތަރިން ފާހަގަކޮށްލެވެ އެވެ.

އަސިން ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ތިން ފިލްމުފެއާ އެވޯޑެއް ހޯދާފަ އެވެ. އެ އެވޯޑްތަކުގެ ތެރޭގައި އޭނާ ކުޅުނު ފުރަތަމަ ހިންދީ ފިލްމު، "ގަޖިނީ" ގައި ދައްކާފައިވާ މޮޅު އެކްޓުން އޭނާ އަށް ވަނީ އެންމެ މޮޅު އާ ތަރީގެ އެވޯޑް ލިބިފައެވެ.

އޭގެ ފަހުން ބޮލީވުޑްގެ ތެރޭގައި އޭނާ މަޝްހޫރުވެ، 2011 ވަނަ އަހަރު ނެރުނު ފިލްމު "ރެޑީ"ގައި ސަލްމާން އާއެކު ފެނިގެންދިޔައިރު، ސާޖިދު ޚާން ޑައިރެކްޓްކޮށް 2012 ވަނަ އަހަރު ނެރުނު "ހައުސްފުލް 2"ގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އަސިންގެ އުފަން ދުވަސް އޭނާގެ ފިރިމީހާ އާއެކު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، އަސިންގެ ފިރިމީހާގެ އެންމެ ގާތް އެކުވެރިއާ އަކްޝޭ ކުމާރު ވެސް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް އާއިލާއާއެކު ރާއްޖެ އައިސްފަ އެވެ.