27 Oct 2016, 16:54
ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރު އަކްޝޭ ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
މީގެ ދެ މަސް ކުރިން ވެސް ރާއްޖެ އައިސްފައިވާ އުމުރުން 49 އަހަރުގެ އަކްޝޭ މިފަހަރު ރާއްޖެ އައިސްފައިވަނީ އާއިލާއާއެކު އެކުވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް، އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އަދި ދެ ދަރިންނާއެކުގަ އެވެ.
އިންޑިއާގެ ނޫސް ރިޕޯޓްތައް ބުނާ ގޮތުން، އާއިލާއާއެކު އަކްޝޭ ރާއްޖެ އައިސްފައި މި ވަނީ މިދިޔަ އަހަރު ނެރުނު ސްޕައި ތްރިލާ ފިލްމު، "ބޭބީ"ގެ ދެވަނަ ފިލްމު "ނާމް ޝަބާނާ"ގެ ޝޫޓިންތަކެއް މެލޭޝިއާގައި ނެގުމަށްފަހު، އިއްޔެ އެވެ.
އަކްޝޭގެ އާއިލާ ހަފްތާއެއް ވަންދެން ރާއްޖޭގައި އުޅޭނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ނަމަވެސް، އަކްޝޭ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ކޮން ތަނެއްގައި ކަމެއް އަދި ނޭނގެ އެވެ. އަދި ސޯޝަލް މީޑިއާއާ ނުހަނު ރައްޓެހި އަކްޝޭ އަދި ކަންނާ ވެސް އެ މީހުން ރާއްޖެ އައުމަށްފަހު ނަގާފައިވާ އެއްވެސް ފޮޓޯއެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް އަކްޝޭ އޭނާގެ އާއިލާއާއެކު ރާއްޖެ އައިސްފައިވާ ކަމަށް ބުނާއިރު، މީގެ ދެ މަސް ކުރިން އަކްޝޭގެ އުފަން ދުވަސް ފާހަގަކުރަން ވެސް އާއިލާއެކު އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ.