27 Oct 2016, 15:29
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުވާ ކޮށްފައިވާ އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު ވަކީލެއް ބޭނުން ނޫން ކަމަށް ބުނުމުން ވެސް ދައުލަތުން ވަކީލެއް ހަމަޖައްސައިފި އެވެ.
އެމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތާއި އެ މައްސަލަ ތަހުގީގު ކުރި ފުލުހުންގެ މަސައްކަތުން އޭޖީ އޮފީހުގެ ވަކީލެއް އާފިޔާގެ ފަރާތުން ވަކާލާތު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ "ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު"ގައި މަރުގެ މައްސަލަތަކުގައި ދައުވާ އުފުލޭ މީހުންނަށް ވަކީލުން އައްޔަން ކުރަން ދައުލަށް ލާޒިމް ކުރާތީ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެހެންކަމުން އެކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅައި ދިނުމަށް ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެދިފަ އެވެ.
ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގައި ތަހުގީގު ހިންގުމާ ބެހޭ އިޖުރާއަތުތަކުގެ ތެރޭގައި މަރުގެ ދައުވާ ލިބޭ މީހާ ވަކީލެއް ބޭނުން ނުވާކަމަށް ބުނެފި ނަމަ ދައުލަތުން ވަކީލެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ތަހުގީގު ހިންގުމާ ބެހޭ އިޖުރާއަތުތައް
3 - ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުން - (ރ) - ގާނޫނީވަކީލެއް އައްޔަންކުރަން ތުހުމަތު ކުރެވޭ މީހާ ބޭނުންނުވާ ނަމަ، އޭނާ ތަމްސީލުކުރާނީ ދައުލަތުން ކަނޑައަޅާ ވަކީލެކެވެ.
ތަހުގީގު މަރުހަލާގައި ދައުލަތުން ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވީ ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ވަކީލަކު އައްޔަން ކުރުމާ ބެހޭ އެއްވެސް ކަމެއް ގަވާއިދުގައި ހިމަނާފަަ އެއް ނުވެ އެވެ.
ބައެއް ކަހަލަ މައްސަލަތަކުގައި ދައުވާ އުފުލޭ މީހުންނަށް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސަން ބޭނުންވާ ނަމަ އެކަން ހަމަޖައްސައިދޭން ޖެހެ އެވެ. ނަމަވެސް ދައުވާ ލިބޭ މީހާ ވަކީލެއް ބޭނުންނުވާ ކަމަށް ބުނުމުން ވަކީލަކު ދައުލަތުން އައްޔަން ކޮށްދޭން ޖެހޭ ކަމަށް އެއްވެސް ގާނޫނެއްގައި ވެސް ގަވާއިދެއްގައި ވެސް ބުނެފައެއް ނުވެ އެވެ.
މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވީ މައްސަލާގައި ދައުލަތުގެ ވަކީލުން އަމަލުކުރާ ގޮތުން މައްސަލަ ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ދައުވާ ލިބޭ އަފިޔާ މުހައްމަދު މަނިކު ތަކުރާރުކޮށް އެތައް ޝަރީއަތުގެ މަޖިލީހެއްގައި ވަކީލަކު ބޭނުން ނުވާ ކަމަށް ބުނުމުން ދެން ޝަރީއަތަށް ވަކީލެއް އައްޔަން ކުރަން ބާރު ނޭޅޭނޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
"އާފިޔާ އެބަބުނޭ ވަކީލެއް ބޭނުމެއް ނޫނޭ. އޭނާއަށް އެބައެނގޭ ވަކީލުންނަކީ ކީއްކުރާ ބައެއްކަން. ޝަރީއަތުން ސުވާލުކުރީމަ އޭނާ ބުނެފި ވަކީލުންނަކީ އާފިޔާގެ ދިފާއުގައި ވާހަކަ ދައްކާ ބައެކޭ. އެކަމަކު ވެސް ވަކީލެއް ބޭނުމެއް ނޫނޭ. އެހެންވީމާ ޝަރީއަތަށް މަޖުބޫރެއް ނުކުރެވޭނެ ވަކީލެއް އައްޔަން ކުރާކަށް." ގާޒީ ވިދާޅުވި އެވެ.
އެހެންނަމަވެސް ދައުލަތުން ހުށަހެޅި ގަވާއިދުގެ ބައި އިތުރަށް ދިރާސާ ކުރުމަށް ގާޒީ ވަނީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ތާވަލުކޮށްފައި ވަނީ ތިން ޑޮކްޓަރެއްގެ ހެކިބަސް ނެގުމަށެވެ. ޑޮކްޓަރުންގެ ގޮތުގައި ހެކިބަސް ދިނުމަށް ޑރ. އައްބާސް އަބްދުލް ހަމީދު އަދި ޑރ. އަހުމަދު ނިޝާންގެ އިތުރުން ޑރ. އަހުމަދު ޒިޔާން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުވެފަ އެވެ. ނަމަވެސް ދައުލަތުން އާފިޔާއަށް ވަކީލެއް އައްޔަން ކުރުމާ ގުޅޭ ގޮތުން އިތުރު ނުކުތާއެއް ނެގުމުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ ހެކިބަސް ނުނަގަ އެވެ.
މީގެ ކުރިން ޝަރީއަތުގެ މަޖިލީސްތަކުގައި އާފިޔާ ވަނީ އިބްތިހާލް މަރާލިކަމަށް އެއްބަސްވެފަ އެވެ.
އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފަ އެވެ.