މިހާރު ކުރިޔަށްދާ ޓެލަސިސް އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސަން އައިލެންޑް ރިސޯޓް ހޯދައިފި އެވެ. މިޒޯނުގެ ޗެމްޕިއަންކަން ސަން ހޯދީ ފައިނަލުގައި ކޮންރެޑް މޯލްޑިވްސްއާ ބައްދަލުކޮށް ފަސް ސެޓުގެ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗު ކުޅެފައި ވަނީ ސަން އައިލެންޑުގެ ވޮލީ ކޯޓުގަ އެވެ.

މެޗުގެ ސެޓުތައް ފެނުނީ ސެޓަކަށް ފަހު ސެޓެއް ކޮންމެ ޓީމެއްވެސް ހޯދަމުން ދިޔަ މަންޒަރެވެ. ވަރަށް ހަމަހަމަ އަދި ވާދަވެރި ކުޅުމެއް ދެ ޓީމުން ވެސް ފެނުނު މިމެޗުގެ ފަހު ސެޓު ވެސް ވެގެންދިޔައީ ވަރަށް ވަރުގަދަ ސެޓަކަށެވެ. މިސެޓު ސަންއަށް އަތުލެވުނީ 16-14 ންނެވެ.

ފައިނަލް މެޗަށް ފަހު މިޒޯނުގެ ހުރިހާ ޓީމެއްގެ ކުޅުންތެރިންގެ ތެރެއިން އެންމެމޮޅު ހަކުޅުންތެރިން ވަނީ އިއުލާންކޮށްފަ އެވެ. މިޒޯނުގެ އެންމެ މޮޅު ހަކުޅުންތެރިންގެ ލިސްޓުގައި އެންމެގިނައިން ތިބީ ފައިނަލު މެޗުން ބަލިވި ކޮންރެޑްގެ ކުޅުންތެރިންނެވެ. އެންމެމޮޅު ހަކުޅުންތެރިންނަކީ ކޮންރެޑްގެ ތިންކުޅުންތެރިން ކަމަށްވާ އިބްރާހިމް މަފާޒް، ޙުސައިން އަލީ، ހަސަން އަކްރަމް އަދި ސަންގެ ދެކުޅުންތެރިން ކަމަށްވާ އަޙްމަދު ޒާލިފް، އިބްރާހިމް އާދަމްގެ އިތުރުން ޑީވާ މޯލްޑިވްސްގެ އަޙްމަދު އަބްދުﷲ އެވެ.

މިޒޯނުގައި ސަން އައިލެންޑާއި ކޮންރެޑްގެ އިތުރުން ދެން ވާދަކޮށްފައި ވަނީ ޑީވާ މޯލްޑިވްސް އާއި މާފުށިވަރު ރިސޯޓާއި ވަކަރުފަޅި އައިލެންޑް ރިސޯޓެވެ. މީގެތެރެއިން ޑީވާ މޯލްޑިވްސްއަކީ މިޒޯނުގެ ތިން ވަނަ އަށް ދިޔަ ޓީމެވެ.