27 Oct 2016, 15:33
ގައުމުގެ މަސްލަހަތަށް ގެއްލުންވާ ފަދަ ގާނޫނުތަކެއް ހެދިފައިވާ ކަމަށާއި އެކަން އިސްލާހުކުރުމަށް އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް މައުމޫންއަށް ތާއީދު ކުރައްވާ މަޖިލިސް އަށް މެމްބަރުން ނިންމަވައިފި އެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވީ ރައްޔިތުން ނޭދޭ ގޮތަކަށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށާއި އެކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
ގޯސްކޮށް ކުރެވުނު ކަންކަމުގެ ތެރޭގައި، ފާރިސް ފާހަގަކުރައްވާފައި ވަނީ އަބުރުގެ ގާނޫނާއި ރާއްޖެ އިން ބޭރު މީހުންނަށް ބިން މިލްކްކުރެވޭ ގާނޫނުގެ އިތުރުން ޓެރަރިޒަމް ގާނޫނު ފަދަ ގާނޫނުތަކެވެ.
ފާރިސް ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައިވާ ބައެއް ކަންކަން ކުރެވުނީ ރައްޔިތުންގެ މަސްލަހަތުގައި ނޫން ކަމަށެވެ. ރައީސް މައުމޫންއަށް ތާއީދު ކުރައްވާ އަށް މެމްބަރުން މަސައްކަތް ކުރާނީ ވަކި ޕާލަމެންޓްރީ ގުރޫޕެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިން އެ އިސްލާހު ފާސްކުރަން ވޯޓް ދިނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް(ރެޑްވޭވް) ވިދާޅުވީ އޭރު ވޯޓް ދިނީ "މަޖުބޫރުން" ކަމަށާއި އޭރު ވެސް އެކަންކަމާ ދެކޮޅު ހެދި ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ގާނޫނުތައް އިސްލާހު ކުރަން ބޭނުންވާ މެޖޯރިޓީ އެބައޮތް ކަމަށާއި އެކަން ކުރާނީ އެހެން ޕާޓީތަކާ ގުޅިގެން ކަމަށެވެ.
މައުމޫނު ފެކްޝަނާ އަލަށް ގުޅިވަޑައިގަން މެމްބަރުންނަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އެވެ.
މިއަދު މައުމޫނާ ގުޅިވަޑައިގެންނެވި އަށް މެމްބަރުންގެ އިތުރުން ދެން އެބޭފުޅުންނަށް ތާއީދު ކުރާނެ ކަމަށް ބެލެވެނީ ޖޭޕީގެ ހަތް މެމްބަރުންނާއި އެމްޑީޕީގެ 21 މެމްބަރުންނާއި އަދާލަތު ޕާޓީގެ އަނާރާ ނައީމާއެކު 37 މެމްބަރުންނެވެ. ރައީސް ޔާމީންގެ ކޮޅުގައި ގާތްގަނޑަކަށް 47 މެމްބަރުން އެބަތިއްބެވެ.