27 Oct 2016, 14:50
ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)ގެ ފަރާތުން ބާއްވާ މި އަހަރުގެ "ޕިންކް ރިބަން ރަން- ވޯކް"ގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ސީއެސްއެމްގެ ފަރާތުން އިންތިޒާމްކުރާ "ޕިންކް ރިބަން ރަން- ވޯކް" ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ (28 އޮކްޓޯބަރު 2016) ހަވީރު 4:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.
މާދަމާ އޮންނަ މި ހަރަކާތުގައި މުޅި ޖުމުލަ ދުއިސައްތަ ފަންސާހެއްހާ ދުވުންތެރީން ބައިވެރިވާނެކަމަށް ލަފާކުރެވޭއިރު، ބީއެމްއެލްގެ ގިނަ މުވައްޒަފުންތަކެއް ވެސް ބައިވެރިވާނޭ ކަމަށް ގައުމީ ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.
"މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމަކީ މިހުން މިކަމުގައި ބައިވެރިކުރުވައި އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ބަޔާންކޮށްދެވޭނެ މުހިންމު ހަރަކާތެއް. މި ހަރަކާތުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެންގެ ފަރާތުން މަރުހަބާ ދަންނަވަން." އެންޑްރޫ ވިދާޅުވިއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ، މި ހަރަކާތުގައި ބޭންކުގެ މުވައްޒަފުން ދުވުމުގެ އިތުރުން މިހަރަކާތް އިންތިޒާމްކުރުމުގައިވެސް ބައިވެރިވާނޭ ކަމަށެވެ.
ގައުމީ ބޭންކުން ވަނީ، މިއަހަރު ކުރީކޮޅު ސީއެސްއެމްއާ އެކު ބޭންކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ބައިވެރިންނަށް އަމާޒުކޮށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއްވެސް ހިންގާފައެވެ. މީގެ އިތުރުން ކެންސަރާ ބެހޭ މައުލޫމާތު ދިނުމާއި ގަވައިދުން ކެންސަރުގެ އަލާމާތެއް ފެނޭތޯ ބެލުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުނެވެ.