ހދ. ކުމުންދޫގައި ސަރުކާރުގެ އެހީގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

"މަސްޖިދުއް ފިރްދައުސް"ގެ ނަމުގައި އެރަށުގައި އިމާރާތްކުރި މިސްކިތް މިއަދުގެ މެންދުރު ނަމާދުގެ ކުރިން ހުޅުއްވައިދެއްވީ، ހދ. އަތޮޅަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގަތުމަށްފަހުއެވެ.

އެ ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިޔުޓީ އެމްބެސެޑަރު މުތުރިކް އައްދައުސަރީ އާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ކުމުންދޫ ކައުންސިލްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުމުންދޫގައި އިމާރާތްކޮށް މިއަދު ރަސްމީކޮށް ހުޅުވި މިސްކިތަކީ ސައުދީ ސަރުކާރުގެ ފަރާތުން 6.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަރަށުގައި ބިނާކޮށްފައިވާ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ އަމަލީ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ މެދުތެރޭގައެވެ.

އެ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ، ދީނުގެ ފިކުރަށްވުރެ އެހެން ފިކުރެއް އިސްވެގެން ނުވާނޭ ކަމަށެވެ. އަދި ހުރުމަތްތެރިކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަން ގާއިމްކުރުމުގައި ގަދީމީ ޒަމާނުއްސުރެ ވެސް މިސްކިތްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ތަނެއްކަން ފާހަގަކުރެއްވި އެވެ.

އަދި މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެން މިނިސްޓަރު ވަނީ، މުޖުތަމައެއްގައި އެއްބައިވަންތަ ރައްޔިތެއް އުޅުމުގެ މުހިންމުކަމަށް ފާހަގަކޮށް އެކުވެރިކަން އާލާ ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ރަސްމިއްޔާތުގައި ސައުދީ އެމަބްސީގެ ޑެޕިޔުޓީ އެމްބެސެޑަރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާ ކުރުމަށް ރާއްޖެއާ ސައުދީ ގުޅިގެން މިކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި މިއީ ހެޔޮ ނިޔަތެއްގައި ކުރެވޭ މާތް މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިސްކިތްތައް ބިނާ ކުރުމަށް ފަހު ވެސް އެތަންތަން ބެލެހެއްޓުމުގައި ސައުދީ ސަރުކާރުން ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހދ. ކުމުންދޫގައި މިއަދު މިސްކިތެއް ހުޅުއްވާފައިވާއިރު، މިމަހުގެ ކުރީކޮޅު ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރ. އިންނަމާދުއާއި އެ އަތޮޅު އަނގޮޅިތީމުގައި އިމާރާތްކުރި މިސްކިތް ވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.