އިންޑިއާގެ ޖީއެމްއާރް ކުންފުނީގެ އަތުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އަތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް އަނބުރާ ނެގުމަށްފަހު ހިންގި ފުރަތަމަ އަހަރު 1.196 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށް އެކުންފުނިން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އިއްވި ބަޔާނުގައި ވިދާޅުވީ، 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ޖީއެމްއާރާއެކު ވެފައިވާ ކޮންސިޝަން އެގްރީމެންޓް 2012 ވަނަ އަހަރު ނިމުމަކަށް ގެނައީ އެ އެއްބަސްވުމުގެ ސަބަބުން ސަރުކާރާއި އެމްއޭސިލް އަށާއި އަދި ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓު ދިން ފަހުން އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި 2010 ވަނަ އަހަރު ލިބުނީ 433 މިލިއަން ރުފިޔާ ކަމަށެވެ. އަދި 2011 ވަނަ އަހަރު 341 މިލިއަން ރުފިޔާގެ ފައިދާ ލިބުނު އިރު، ޖެހިގެން އައި 2012 ވަނަ އަހަރު ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ސާފު ފައިދާ ނުލިބި މާލީގޮތުން ބޮޑު ގެއްލުމަކާ ދިމާލަށް ދަތުރުކޮށްފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލް އިން އެއާޕޯޓް ހިންގައިގެން 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް 16 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަސް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއާޕޯޓްގެ ހިންގުން އެމްއޭސީއެލްގެ ދަށަށް ބަދަލުކުރިފަހުން ހިނގައިދިޔަ ފުރަތަމަ މާލީ އަހަރު ކަމަށްވާ 2013 ވަނަ އަހަރު ޓެކްސް ކަނޑާލުމަށްފަހު 1.196 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ޖީއެމްއާރުން އެއާޕޯޓް ތަރައްގީކުރަން ހުށަހެޅި ޕްލޭނުގައި ބައެއް ޓެކްނިކަލް މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖީއެމްއާރުން އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭނަށް އަމަލުކުރިނަމަ މުސްތަގުބަލުގައި އެއާޕޯޓް ބޮޑުކުރުމުގެ ފުރުސަތު ގެއްލިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ސަބަބަކީ ޖީއެމްއާރުން ޓާމިނަލް އިރުމަތީ ފަރާތުގައި އަޅަން ނިންމާފައިވާތީ އިތުރު ރަންވޭއެއް އަޅާނެ ޖާގަ އެއާޕޯޓްގައި ލިބެން ނެތުމެވެ. ހަމައެއާއެކު މިހާރު އޮތް ރަންވޭ ބޭނުންކުރަން ޖީއެމްއާރުން ނިންމާފައިވާތީ ބްރިޖް ހުޅުލެއާ ގުޅުވާލުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ފާހަގަކުރެވުނެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ވެއެވެ.