ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޮތަށް ކަނޑައަޅާ ގޭގެ ފާހަގަކޮށް ހިތްވަރު ދިނުމުގެ އިނާމު ދިނުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ތ. ވޭމަންޑޫގައިބޭއްވި ރައްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ "ދުންފަތުން ރައްކާތެރި ކުރެވިފައިވާ ގެ" ގެ ނަމުގައި ޕްރޮގްރާމެއް ފަށާނެކަމަށް އިއުލާނު ކުރައްވައިފައެވެ.

އެ ޕްރޮގްރާމަކީ މީހުން ދިރިއުޅޭ ގެދޮރަކީ ދުންފަތުގެ ދުމުން ރައްކާތެރިކުރެވިފައިވާ ތަންތަން ކަމުގައި ހެދުމަށް ފަރުދީ އަދި އާއިލީ ފެންވަރުގައި މަސައްކަތްކޮށް ތިމާއާއި އާއިލާ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ބާރު އެޅުމުގެ ގޮތުން ފެށުމަށް ހަމަޖެއްސި ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ތ. ވޭމަންޑޫގައިބޭއްވި ރައްމިއްޔާތުގެ ތެރޭން -- ފޮޓޯ: ހެލްތުމިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، ގޭގޭގައި އިސްވެ ބަސްކިޔަން ތިބޭ ފަރާތްތަކުން އެގޭގެއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ މާހައުލުތަކަކަށް ހެދުމަށް އިސް ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ސަބަބުން ކުޑަކުދިން ދިރިއުޅޭ މާހައުލަކީ ދުންފަތުގެ ދުމުން ސަލާމަތް ކުރެވިފައިވާާ ދުޅަހެޔޮ މާހައުލަކަށް ހެދުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ވޭމަންޑޫގައި ބޭއްވި ހާއްސަ ހަފްލާގައި މިއަހަރުގެ ނޯ ޓޮބޭކޯޑޭގެ އެވޯޑު ދެއްވާފައިވެއެވެ. މި ފަހަރުގެ އެވޯރޑް ލިބިފައިވަނީ ނެޝަނަލް ޑްރަގް އެޖެންސީއަށެވެ. އަދި އޭގެ އިތުރުން ތ. އަތޮޅުގައި ދުންފަތުގެ ވިޔަފާރިކުރުން ހުއްޓާލާފައިވާ ވިޔަފާރިވެރިންނަށްވެސް ހަނދާނީ ލިޔުންވެ ދީފަައިވެއެވެ.