27 Oct 2016, 13:16
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނީ ގާތްގަނޑަކަށް 250 މިލިޔަން ޑޮލަރު ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި މައްސަލަ ނިންމައި، މައްސަލައިގެ ރިޕޯޓު މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ކަމަށެވެ. އެ ރިޕޯޓު ސަރުކާރާ ހިއްސާ ކޮށްފައި ވަނީ ރޭގަ އެވެ.
އަނިލް ވިދާޅުވީ، އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމާފައި ވަނީ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލި މައްސަލާގައި، ޖީއެމްއާރަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހެނީ 204 މިލިޔަން ޑޮލަރާއި އިންޓެރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއާ އެކު ޖުމްލަ ގާތްގަނޑަކަށް 250 މިލިޔަން ޑޮލަރު ކަމަށެވެ.
ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކު ވި ކޮންސެޝަން އެއްބަސްވުން ރާއްޖެ އިން ބާތިލުކުރީ 2012 ނޮވެމްބަރު 27 ގަ އެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލީ، އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ގާނޫނީ އަދި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކަށް ފަހު އެވެ.
އެ އޮޑިޓުން ފާހަގަވީ، އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ޖީއެމްއާރަށް ބުރަވެ، ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހައްގުތަކާއި މަސްލަހަތުތަކަށް ގެއްލުންވާ ކަމަށް އެޓާނީ ޖެނެރަލް އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ، ރާއްޖެ އިން ދައްކަން ޖެހޭ ކަމަށް ޓްރައިބިއުނަލުން ނިންމި ފައިސާގެ އަދަދަކީ، އިދިކޮޅު ފަރާތްތަކުން އަންދާޒާކުރަމުން ދިޔަ މިންވަރު ކަމުގައިވާ 800 މިލިޔަން ޑޮލަރުގެ ފައިސާއަށް ވުރެ މަދު އަދަދެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އަންދާޒާކުރެއްވި 300 މިލިޔަން ޑޮލަރުގެ އަދަދާ ގާތްކުރާ އަދަދެއް ކަމަށެވެ.