ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އާމާޒްކޮށްގެން ދިރާގުން ވޭތުވެ ދިޔަ ފަސް އަހަރު ބޭއްވި 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' މިފަހަރު ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސް ކާމިޔާބުކަމާ އެކު ނިންމާލާފި އެވެ.

ހެންވޭރު ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ފެސްޓިވަލް އެހެން އަހަރުތަކާ ތަފާތު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ވާދަވެރި ކުޅިވަރު ކުޅެވޭނެ އިންތިޒާމްތަކަކާ އެކު ކުރިއަށް ގެންދިއުމުންނެވެ. ސްކޫލްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ 10 މުއައްސަސާއަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ފެސްޓިވަލްގައި ދިރާގުން ވަނީ 60 މީޓަރާއި 30 މީޓަރު ދުވުވުން ވާދަވެރި ގޮތެއްގައި ކުރިއަށް ގެންގޮސްފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން އިއްޔެ ދިރާގުން ކުރިއަށް ގެންދިޔަ ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފެސްޓިވަލް ފެށުމުގެ ކުރިން ވާހަކަ ދައްކަމުން ދިރާގްގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކްޓިވް އިމްޖާދު ޖަލީލް ވިދާޅުވީ މިދިޔަ އަހަރުގެ ފެސްޓިވަލަށް ފަހު މިއަހަރު ވާދަވެރި ކުޅިވަރު ހިމެނުމަށް ނިންމީ ކަމަށާއި އޭގެ ސަބަބުން ކުދިންގެ ސެލްފް ކޮންފިޑެންސް އާއި ވާދަވެރި ކުޅިވަރުތަކުގައި ވެސް އެކުދިންނަށް ބައިވެރިވެވޭނެ ކަމުގެ ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

"އެކުދިންގެ އެވަރުގެ ސްޕީޑް ހުރެއްޖެ ނަމަ، އެކުދިންނަށް ވެސް ފުރުސަތު އޮންނާނެ ކަންނޭންގެ ނެޝަނަލް ސްޕޯޓްސް މީޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު. އަޅުގަނޑުމެންގެ އުންމީދަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ބައިނަލްއަގްވާމީ ޕެރަ ގޭމްސްތަކުގައި ބައިވެރިވާނެ ފަދަ ފުރުސަތުތަކެއް ލިބުން،" އިމްޖާދު ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ހާއްސް އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކޮށްގެން މިހާ ބޮޑު ކޮށް ބޭއްވޭ ހަމަ އެކަނި ކުޅިވަރު ފެސްޓިވަލްކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދިމިއީ އެ ފެސްޓިވަލް ވިދިވިދިގެން ބާއްވަމުން އަންނަ ފަސް ވަަނަ އަހަރެވެ.