މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މުއާސަލާތީ ކުންފުނި ދިރާގަށް ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިރާގަށް ވަނީ 1.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނުވަތަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 184 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ދިރާގަށް މިއަހަރު ތިންވަނަ ކުއާޓަރުގެ ތިންމަސް، ޖުލައި އޮގަސްޓް އަދި ސެޕްޓެމްބަރުގައި ވަނީ ސާފު ފައިދާގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބިފަ އެވެ.

ރެކޯޑް އަދަދެއްގެ ފައިދާއަކާ އެކު ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދިރާގުގެ ހިއްސާއަކަށް އާމްދަނީގެ ގޮތުގައި 10.72 ރުފިޔާ ޖެހެ އެވެ. އެގޮތުން މިއަހަރު މިހާތަނަށް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ވަނީ 806 މިލިއަން ރުފިޔާ ބަހައިފަ އެވެ.

ދިރާގަށް ތިންވަނަ ކުއާޓަރާ ހަމައަށް ލިބުނު އާމްދަނީގެ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯން ވިދާޅުވީ، 2016 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން އެކި ގޮތްގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމަރުން އެންމެ ބޭނުންވާ އެއް ހިދުމަތްކަމަށްވާ އިންޓަނެޓްގެ ހިދުމަތް، ތުރީޖީ އަދި ފޯޖީގެ އިތުރުން ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތްތައް ވެސް އެތައް ގުނައަކަށް ފުޅާކޮށް ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ތިންވަނަ ކުއާޓަރުގައި އަލަށް ތައާރަފްކުރި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މާކެޓަށް ފުރަތަމަ ފަހަރަށް އެންމެ ބޮޑު ޑޭޓާ އެލަވަންސް ހިމެނޭ 15ޖީބީގެ މޮބައިލް ޑޭޓާ ޕެކޭޖް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ކ. މާފުށީގައި ފައިބާ ނެޓްވޯކެއް ގާއިމްކޮށް ގޭގެއަށާއި ވިޔަފާރިތަކަށް ހައިސްޕީޑް އިންޓަނެޓް ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

އޭގެ އިތުރުން އެންމެ ފަހުގެ އައިފޯނުތައް ވަރަށް ހާއްސަ އިންސްޓޯލްމަންޓް ޕްލޭންތަކަކާ އެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި ލ. އަތޮޅުގެ ގޭގެއަށް ހާއްސަ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމާއި ބަންގްލަދޭޝް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެއް "ސޭރާ"ގެ ނަމުގައި ތައާރަފްކުރުމާއި އެންމެ ހެޔޮއަގުގައި ހައްޖުމަހު ސައުދީއަށް ގުޅޭނެ ރޭޓެއް ވަނީ ތައާރަފްކޮށްފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓް ފާސްކޮށްފައި ވަނީ ޑިރެކްޓަރުންގެ 90 ވަނަ ޖަލްސާގައި ކަމަށެވެ.