27 Oct 2016, 12:37
ސޯޝަލް މީޑިއާގައި މަޝްހޫރު އެކްޓިވިސްޓް، ގ. އަރިސް، ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު)ގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި އެކަށީގެންވާ ހެކި ނެތުމުން ދައުވާ ނުކުރަން ފުލުހުން ނިންމައިފި އެވެ.
ލޫކަސް ޖަލީލުގެ މައްޗަށް ތުހުމަތު ކުރެވެނީ ގައުމުގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.
އެމައްސަލާގައި ފުލުހުންގެ ބަންދުގައި ލޫކަސް ޖަލީލު 40 ދުވަހު ހުއްޓެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވި ބަންދުކުރެވިފައިވަނީ ދައުވާ ކުރެވޭ ކަހަލަ މައްސަލައެއްގައި ނޫންކަން ވަކީލުންވެސް އޭރު ފާހަގަކުރި އެވެ.
މިމަހުގެ 20 ވަނަ ދުވަހު ފުލުހުން ލޫކަސް ޖަލީލަށް އަންގާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރެވުނު މައްސަލާގައި ހެކި ނެތިގެން އިތުރު ފިޔަވަޅު ނާޅަން ނިންމައި މައްސަލަ ފައިލްކުރި ކަމަށެވެ.