އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިފާ ބައްސާމް އަދީލް ޖަލީލްގެ ޓީމުން ސިޔާސީ ހުރިހާ ފަރާތްތަށް ފަހަތަށް ޖެހުމަށް ތައްޔާރަށް ތިބިކަމަށް އެ ޓީމުން ބުނެފިއެވެ.

އަންނަ މަހު 20ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރުގެ ޖެނަރަލް ސެކްޓްރީ ބައްސާމް އަދީލް ޖަލީލްގެ އިތުރުން އެންމެ ފަހުން ވެސް އެމަގާމް ފުރުއްވި ރައްޔިތުންގެ މަޖްލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމްގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް(ޓޮމް) އެވެ.

ރައީސްގެ މަގާމަށް ވާދަކުރައްވާ ދެފަރާތުން ވެސް އެކްސްކޯއަށް ގެންނާނެ ޓީމް އިއުލާންކޮށްފައިވާއިރު ބައްސާމްގެ ޓީމްގައި ވަނީ މަޖުލީހުގެ ހަ މެމްބަރުން ހިމަނައިފައެވެ. ނަމަވެސް ޓޮމް ވިދާޅުވަނީ އޭނާގެ ޓީމަކީ ފުޓްބޯޅަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމެއް ކަމަށެވެ.

ބައްސާމްގެ ޓީމުގެ ފަރާތުން މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ އެކްސްކޯއަށް ނެގުމަށް ނިންމާފައިވާ ސީނިއާ ވައިސް ޕްރެޒިޑެންޓް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ގިނަ ފަރާތްތަކަކުން ނިކުތުމުން ވަރަށް ގިނަ ބަޔަކު ސުވާލުތަށް ކުރިމަތި ކުރުވަމުން ގެންދަވާ ކަމަށާއި ކިތަންމެ ގިނަ ދުވަހު ކުޅިވަރުގެ ތެރޭގައި އުޅުނު ނަމަވެސް މަޖިލީހަށް ހޮވުމަށްފަހު އެމީހަކު ލޭބަލް ވެގެންދަނީ ސިޔާސީ ފަރާތެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންނަކީ މާގިނައިން މީޑިއާތަކަށް އަރާ ވާހަކަދައްކާ ބައެއް ނޫން. ނަމަވެސް އަޅުގަނޑުމެންނަށް މިވަނީ ސިޔާސީ މީހުންގެ ލަގަބު ލިބިފަ،" ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ، އޭނާއާ އެކު ދެން ހިމެނޭ ހުރިހާ މަޖިލިސް މެމްބަރުން ވެސް ފަހަތަށް ޖެހުމަށް ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް އެއާއެކު އަނެއް ޓީމުން ވެސް އެގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން އަހުމަދު ތޯރިގާ ވާހަކަ ދެކެވިއްޖެ. ނަމަވެސް އެ ބޭފުޅާގެ އެދުމަކަށްވީ އަޅުގަނޑުމެން ފަހަތަށް ޖެހުން. އެގޮތަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ނަމަވެސް އަޅުގަނޑުމެންނާއެކު ރައީސްގެ މަގާމަށް ވާދަކުރައްވަނީ މަޖުލީހުގެ މެމްބަރެއް ނޫން އެހެންވީމަ އެބޭފުޅާގެ ހައްގު ރައްކާކޮށްދެއްވުމަށް ފަހު އަޅުގަނޑުމެން ފަހަތަށް ޖެހޭނަން،" ހުސެން ވިދާޅުވިއެވެ.

ބާއްސާމްގެ ޓީމުން މިއަދު ބޭއްވި އެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ އިސްފަރާތްތަކަކުން ބައިވެރިވެފައެވެ. އޭގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދާއި ޖެނަރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައްސާމް ވިދާޅުވީ، އޭނާގެ ފަހަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކެއް އެބަތިބި ކަމަށާއި ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބައޮތްކަމަށެވެ.

"އިންތިހާބު ކާމިޔާބުކުރުމަށް ފަހު އޭގަ އޮންނަ ރީތި އުސޫލެއްގެ ތެރެއިން ސިޔާސީ ފަރާތްތަށް މަޑުމަޑުން އެއްފަރާތް ކުރުމަށް ފަހު ކުޅިވަރުގެ މީހުން އަޅުގަނޑުމެންގެ ޓީމުގެ ތެރެއަށް ޖޮއިންކުރަމުން ދާނެ،" ބައްސާމް ވިދާޅުވިއެވެ.