ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަ ކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯސް ކޮށްފި އެވެ.

އެކަމާ ގުޅިގެން ސަޓާގެ ނައިބު ރައީސް ތުއާން ސާބިރު ވަފޫރު ވަނީ އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންސްޓްގެ ބޭފުޅުންނާ އެކު އެމްއެމްޕީއާރުސީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއަކީ ސަޓާގެ އެންމެ ބޮޑު ބައިވެރިއާކަން ފާހަގަކުރައްވާ ތުއާން ވިދާޅުވީ، އެމްއެމްޕީއާރުސީން އެ އެވޯޑް އެންޑޯސް ކުރުމަކީ ސަޓާ އިތުރަށް ކުލަގަދަ ވުމުގެ ފުރުސަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު އިތުރު ގައުމުތައް އެ އެވޯޑްސް އިން ފެނިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، ސަޓާ އެވޯޑްސް އަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ނޮމިނޭޓްވެފައިވުމަކީ މި ސަރަހައްދުގެ ޓޫރިޒަމް ކުރި އެރުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.

ހާއްސަކޮށް ރާއްޖޭން ގިނަ އަދަދެއް ފަރާތްތައް އެވޯޑަށް ނޮމިނޭޓް ވެފައިވުމަކީ ސަރައްދީ ފެންވަރެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މި އަހަރު ބާއްވާ ސަޓާ އެވޯޑްސްގެ ގާލާ އަދި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 15 އަދި 16ގައި، ދިގު ތާރީހެއް އޮތް ސްރީ ލަންކާގެ އެންމެ މަޝްހޫރު އެއް ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގަ އެވެ.

ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމްކުރާ މި އަހަރުގެ ސަޓާ އެވޯޑްސްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތަކުން ވެސް ވަނީ ސަޓާ އެވޯޑްސް އެންޑޯސް ކޮށްފަ އެވެ.

އެގޮތުން، ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެ އެވެ.

މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ)ގެ އިތުރުން، އިންޑިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެ އެވެ.