27 Oct 2016, 12:42
ލަންޑަން (އޮކްޓޯބަރު 27): ސިރިއާގެ އިދުލިބު ޕްރޮވިންސަން އިއްޔެ ދިން ވައިގެ ހަމަލާތަކެއް އެސަރަހައްދުގެ ސްކޫލަކަށް އަމާޒުވެ ގިނަ އަދަދެއްގެ ކުޑަ ކުދިން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ސީރިއާގެ އާއްމުންނާ ހަވާލާދީ އިނގިރޭސިވިލާތުގައި ހުންނަ އޮބްޒަވޭޓަރީން ބުނި ގޮތުގައި ހާސް ކިޔާ އަވަށަކަށް އެހަމަލާތައް ދިން ކަމަށް ބެލެވެނީ ރަޝިއާގެ ހަނގުރާމަމަތީ ބޯޓުތަކުންނެވެ. އަދި އެހަމަލާތަކުގައި 26 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.
"މަރުވި ކުޑަ ކުދިންނަކީ ސްކޫލުގެ ދަރިވަރުން އަދި ހަމަލާ ދިން ކަމަށް ބެލެވެނީ ރަޝިއާއިން،" އޮބްޒަވޭޓަރީގެ ވެރިޔާ ރަމީ އަބްދުލް ރަހްމާން ވިދާޅުވި އެވެ.
އަދި އެހަމަލާތަކުގައި އަނިޔާވި ބައެއް މީހުން ތިބީ ސީރިއަސް ހާލުގައި ކަމުން އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ އޮބްޒަވޭޓަރީން ބުންޏެވެ.
އިދުލިބު ޕްރޮވިންސަކީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދެއް ކަމުން ސީރިއާ ސަރުކާރާއި ރަޝިއާއިން އެސަރަހައްދަށްދޭ ވައިގެ ހަމަލާތައް ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިތުރުވެފައި ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުނެ އެވެ.
ސީރިއާ ހަނގުރާމައަށް ފަސް އަހަރުވެފައިވާ އިރު އެހަނގުރާމައިގައި 300،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ލަފާ ކުރެ އެވެ. (އަލްޖަޒީރާ)