ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ މެރިން ސައިންސް ސިމްޕޯޒިއަމް 80 ބައިވެރިންނާ އެކު މިއަދު ހެނދުނު ފަށައިފި އެވެ.

މެރިން ރިސާޗް ސެންޓަރުން އިސްނަގައިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިތުރު ފަރާތްތަކެއް ގުޅިގެން އެ ސިމްޕޯސިއަމް ކުރިއަށްގެންދަނީ ގައުމީ ޔުނިވާސިޓީގަ އެވެ. އެއީ އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ސިމްޕޯޒިއަމް އެކެވެ.

ސިމްޕޯޒިއަމްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މެރިން ރިސާޗް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، މެރިން ދާއިރާ އިން ރިސާޗް ހަދަމުންގެންދާ ހުރިހާ ފަރާތްތަކަށް ވެސް އެ ސިމްޕޯޒިއަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ. އަދި ބައިވެރިވި 80 ފަރާތަކީ އެފަދަ ރިސާޗްތައް ހައްދަވާ ފަރާތްތައް ކަމަށް ވިދާޅުވި އެވެ.

މެރިން ސައިންސް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެގޮތުން ރާއްޖޭގެ ރިސޯޓްތަކުގައި މެރިން ސައިންސް ރިސާޗް ހަދާ ފަރާތްތައް ވެސް ބައިވެރިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ހުރިހާ ބައިވެރިން ވެސް އެ ފަރާތްތަކުން ހަދަމުން އަންނަ ރިސާޗްތަކާ ގުޅޭ މައުލޫމާތު ސިމްޕޯޒިއަމްގައި ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ސިމްޕޯޒިއަމެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގައި މެރިން ސައިންސް ދާއިރާ ކުރިއަރުވާ މި ދާއިރާއިން ރިސާޗްކުރަން ބޮޑަށް ހަމަ ބާރުވެރި ކުރުވުން ހުރިހާ ބޭފުޅުން،" އޮފިޝަލް ވިދާޅުވި އެވެ.

މިއަދު އެ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މެރިން ސައިންސް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައިނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ ރާއްޖޭގެ ބޮޑުބައެއް ހިއްސާކުރަނީ ކަނޑުތަކާއި ފަޅުތައް ކަމަށްވާ އިރު، އެ ތަންތަނުގެ ރިސާޗްތައް ހަދައި އެކި ކަންތައްތައް ދެނެގަތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އެފަދަ ފަރާތްތަކާ އެކު މެރިން ރިސާޗް ސެންޓަރުން މަސައްކަތްތަކެއް ފެށުމަކީ ގަބޫލުކުރެވޭ ކަމެއް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތާގައި ވެސް ކަނޑުތަކުގެ ރަނގަޅު ރިސާޗްތައް ހަދައި އެފަދަ ރިސާޗްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް މިނިސްޓަރު އެދިލެއްވި އެވެ.

މެރިން ސައިންސް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައިނީ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން