27 Oct 2016, 10:47
ރޯމް (އޮކްޓޯބަރު 27): އިޓަލީގެ މެދު ތެރެއަށް އިއްޔެ ބާރުގަދަ ދެ ބިންހެލުން އައުމުގެ ސަބަބުން ގިނަ އިމާރާތްތައް ވެއްޓި، މަދު ބަޔަކަށް އަނިޔާވެއްޖެ އެވެ.
އޮފިޝަލުން ބުނި ގޮތުގައި ވެރިރަށް ރޯމްއަށް ވެސް އަސަރު ކުރި 5.5 މެގްނިޓިއުޑުގެ ފުރަތަމަ ބިންހެލުން އައީ ހަތް ކިލޯމީޓަރު އަޑިންނެވެ. އަދި އޭގެ ދެ ގަޑި އިރު ފަހުން ހަމަ އެސަރަހައްދަށް ވަނީ 6.1 މެގްނިޓިއުޑުގެ ބިންހެލުމެއް ނުވަ ކިލޯމީޓަރު އަޑިން އައިސްފަ އެވެ.
އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ޗީފް ފެބްރިޒިއޯ ކުރްސިއޯ ވިދާޅުވި ގޮތުގައި އެ ހާދިސާގައި 10 ވަރަކަށް މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި އޭގެ ތެރެއިން ސީރިއަސް އަނިޔާތައް ލިބުނީ ހަތަރު މީހަކަށެވެ.
އިޓަލީއަށް އިއްޔެ އެދެ ބިންހެލުން އައިސްފައި ވަނީ މި އަހަރުގެ އޮގަސްޓު މަހު އެގައުމަށް އައި 6.2 މެގްނިޓިއުޑުގެ ބާރުގަދަ ބިން ހެލުމުން ލިބުނު ގެއްލުމުން އަރައި ނުގަނެވެނީސް އެވެ. އެހާދިސާގައި އިޓަލީގެ 298 މީހަކު މަރުވެ، ގިނަ އަދަދެއްގެ ތާރީހީ އިމާރާތްތައް ބިމާ ހަމަވެފައިވެ އެވެ. (ބީބީސީ)