މާބަނޑު އަންހެނަކަށް ފަރުވާ ދިނުން ލަސް ކުރިކަމަށް ބުނެ އައިޖީއެމްއެޗްގެ ޑޮކްޓަރު ރޫމް ދޮރު ވައްޓާލި މައްސަލެއް ފެންމަތިވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން މާބަނޑު އަންހެން މީހާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ އެކަން އެގޮތަށް ހިނގީ ބަނޑަށް ތިން މަހުގެ އެއަންހެން މީހާއަށް ނޭވާ ނުލެވިގެން އައިޖީއެމްއެޗްއަށް ގެންދިއުމުން ވެސް ފަރުވާ ދިނުން ލަސް ކުރުމުން ކަމަށެވެ.

"ކޮއްކޮއަށް އޭރު ނޭވާ ނުލެވޭ، ކިތަންމެ ފަހަރަކު އެމަޖެންސީއަށް ފޮނުވަދޭން އެދުނިން، އެކަމަކު ބުނަނީ 53 ނަމްބަރު ކޮޓަރިއަށް ދާށޭ، އެތަނަށް ދިޔައިމާ ވެސް އެކަންނުކޮށްދީ އެންމެ ފަހުން ކޮޓަރި ދޮރު ތަޅުލީ، އެހެންވެ އޭނާ ފިރިމީހާ ރުޅި އައިސް ޖަހާ ދޮރު ވައްޓާލީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗް މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެހޮސްޕިޓަލްގެ މުވައްޒިފުންނާއި ބަލިމީހެއްގެ އާއިލާއާއި ދެމެދު އެކަހަލަ ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި ނަމަވެސް ފަރުވާ ދިނުން ލަސްކޮށްފައިނުވާނެ ކަމަށެވެ.

"އެއަންހެން މީހާއަށް ވަނީ ހަމަ އެމަޖެންސީގައި ފަރުވާދީފައި،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ހިނގުމުގައި އެހޮސްޕިޓަލްގެ މުވައްޒިފުންގެ އިހުމާލެއްވޭތޯ ބަލަމުން އަންނަ ކަމަށެވެ.

އެމައްސަލާގައި ދޮރުވައްޓާލި މީހާ ވަނީ ހައްޔަރުކޮށް ތަހުގީގަށް ބަޔާން ނަގައިފަ އެވެ. އަދި ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.