27 Oct 2016, 09:57
ބްރަސަލްސް (އޮކްޓޯބަރ 27) : ރަޝިޔާގެ ކައިރީގައި އަސްކަރީ ބާރުގަދަ ކުރުމަށް ނޭޓޯ އިން ރާވާފައިވާ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެޖަމާޢަތުގެ ދިފާއީ ވަޒީރުން ނިންމަވައިފި އެވެ.
ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ނިނުމު ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުން ނިންމީ ރަޝިޔާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ބޯލްޓިކް ކަނޑުގެ ތިން ގައުމު ކަމަށްވާ އިސްޓޯނިޔާ ލިޓުއޭނިޔާ އަދި ލެޓްވިޔާގައި ނޭޓޯގެ ބަރުހަތިޔާރާ އެކު އެތައް ހާސް ސިފައިން ހިމެނޭ ލަޝްކަރުތަކެއް ރުކުރުވާލުމަށެވެ. މި ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވީ އިސްޓޯނިޔާ ލިޓުއޭނިޔާ އަދި ލެޓްވިޔާގައި ރުކުރުވާލާ ނޭޓޯގެ ލަޝްކަރުގައި އެޖަމާއަތުގެ 17 ގައުމެއްގެ ސިފައިން ހިމެނޭނެ ކަމުގަ އެވެ.
މި 17 ގައުމުގެ ތެރޭގައި އަލްބޭނިޔާ، އިޓަލީ، ސޮލޮވޭނިޔާ، ބެލްޖިޔަމް، ފަރަންސޭސިވިލާތް، ކްރޮއޭޝިޔާ، ހޮލެންޑް، ލެކްސަންބާގް، ޑެންމާކް، އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަނުވިލާތް، ޕޮލެންޑް، ރުމޭނިޔާ، ނޯވޭ، އަދި ކެނެޑާގެ ސިފައިން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުން ވަނީ މެޑިޓަރޭނިޔަން ކަނޑުގެ އިރުމަތީގައާއި ކަޅުކަނޑުގައި ވެސް ނޭޓޯގެ ކަނޑުގެ ބާރުތައް ވަރުގަދަ ކުރުމަށް ނިންމާފަ އެވެ. މިސަރަހައްދުގައި ނޭޓޯގެ ބާރުގަދަ ކުރުމަށް ނޭޓޯގެ ގައުމުތަކުގެ ހަނގުރާމަމަތީ މަނަވަރުތައް ދާއިމީ ގޮތަކަށް މެޑިޓަރޭނިޔަން ކަނޑުގެ އިރުމަތީގައާއި ކަޅުކަނޑުގައި ހަރަކާތްތެރިވުމަށް ވެސް ނޭޓޯގެ ބައްދަލުވުމުން ވަނީ ނިންމާފަ އެވެ.
ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައާއި މެޑިޓަރޭނިޔަން ކަނޑުގެ އިރުމަތީގައާއި ކަޅުކަނޑުގައި ބާރުގަދަ ކުރުމަށް ނޭޓޯ ކުރަމުންގެންދާ މަސައްކަތްތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ވަށާލުންކަމަށް އެގައުމުން ދެކެ އެވެ. މިކަމާ ކުރިމަތިލުމަށް ޓަކައި ރަޝިޔާ ވަނީ އެގައުމުގެ އަސްކަރީ ވުޖޫދު ސޫރިޔާގައި ވަރުގަދަކޮށް އީރާނާ އެކު އަސްކަރީ ގުޅުންތައް ވަރުގަދަކޮށް ބަދަހިކުރުމަށް ނިންމާފަ އެވެ.
މީގެ އިތުރުން ރަޝިޔާ އިން ވަނީ މެޑިޓަރޭނިޔަން ކަނޑުގެ އިރުމައްޗަށް މަތިންދާބޯޓު އުފުލާ މަނަވަރަކާ އެކު އެގައުމުގެ ހަނގުރާމަމަތީ މަނަވަރުތައް ހިމެނޭ ކަނޑުގެ ފްލީޓެއް ފޮނުވާފަ އެވެ. (އިންޓަރ ފެކްސް)