27 Oct 2016, 10:53
އިނގިރޭސި ލީގް ކަޕްގައި ރޭ މެންޗަސްޓާ ސިޓީ 0-1ގެ ނަތީޖާ އަކުން ބަލިކޮށް ވާދަވެރި މެންޗަސްޓާ ސިޓީ ލީގް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ސިޓީ ނިކުތީ އެޓީމްގެ ފުރަތަމަ 11ގައި އާންމުކޮށް ކުޅޭ ނުވަ ކުޅުންތެރިންނާ ނުލައެވެ. ނަމަވެސް ޔުނައިޓެޑުން ނިކުތީ އެޓީމްގައި އާންމުކޮށް ފުރަތަމަ 11ގައި ކުޅޭ ގިނަ ކުޅުންތެރިންނާ އެކު އެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ހުއާން މާޓާ ކާމިޔާބްކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޒަލްޓަން އިބްރަހިމޮވިޗު ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެޓީމްގެ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ދިން ސަޕޯޓް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
"މިއަދު ދަނޑުން ފެނިގެން އެދިޔައީ ޓީމްގެ އަސްލު ސަޕޯޓަރުން. ޓީމްގެ ފަރާތުން ކިތަންމެ ދަށް ނަތީޖާއެއް ނިކުއިން ނަމަވެސް ހަގީގީ ސަޕޯޓަރަން ތިބެނީ ޓީމާ އެކު. މިއީ ސަޕޯޓަރުންނަށް ދެވުނު ރަނގަޅު ހަދިޔާއެއް،" މޮރީނިއޯ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަތީޖާ ކޮންމެ ގޮތަކަށް ނިކުއިން ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.
އެ މުބާރާތުގައި ރޭ ޗެލްސީ ވަނީ 2-1ގެ ނަތީޖާ އަކުން ވެސްޓް ހޭމްޔުނައިޓެޑް އަތުން ބަލިވެ ކަޓައިފަ އެވެ.
ވެސްޓް ހޭމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމްއަށް ގޯލުތަށް ކާމިޔާބުކޮށްދިނީ ޗެއިކް ކޮޔާޓޭ އާއި އެޑްމިލްސަން ފެނާންޑޭޒް އެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ގެރީ ކޭހިލް އެވެ.
އެމެޗަށްފަހު ރޭ ވަނީ ދެޓީމްގެ ސަޕޯޓަރުން ދަނޑުގައި ގިނަ ހަމަނުޖެހުންތަކެއް ވެސް އުފައްދައިފަ އެވެ. އަދި އިނގިރޭސި އެފްއޭއިން އެ މައްސަލަ ބަލަމުން އަންނަ އިރު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.