27 Oct 2016, 08:11
ފައިދާ ނުކުރާ ފަސް ވިޔަފާރިއެއްގެ ސަބަބުން، އިންޑިއާގެ ޓާޓާ ކުންފުންޏަށް 18 ބިލިޔަން ޑޮލަރުގެ ބޮޑު މާލީ ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު، އެކުންފުނީގެ ޗެއާމަންކަމުން މިހަފްތާގައި ވަކިކުރި ސައިރަސް މިސްޓްރީ ވިދާޅުވެއްޖެއެވެ.
ޓާޓާގެ ޗެއާމަންކަމުގައި ހުންނެވި ސައިރަސް އެމަގާމުން ވަކިކުރީ ކުއްލި ގޮތަކަށެވެ. ނަމަވެސް ސައިރަސް ވަކިކުރި ސަބަބު ޓާޓާއިން ހާމައެއް ނުކުރެއެވެ. ޓާޓާގެ ޗެއާމަންކަން ވަގުތީގޮތުން ކުރައްވަމުން ގެންދަވަނީ، ކުރީގެ ޗެއާމަން ރަތަން ޓާޓާއެވެ.
އެހެން ނަމަވެސް ބެލެވޭ ގޮތުގައި، ސައިރަސް މިސްޓްރީ ޗެއާމަންކަމުން ވަކިކުރީ، އޭނާ ގެންގުޅޭ ވިޔަފާރީގެ ސްޓްރެޓަޖީތަކާ، ޓާޓާގެ ބޯޑުގެ އެހެން މެމްބަރުންނާ މެދު ދެބަސްވުންތަކެއް އުފެދިގެންނެވެ. އެގޮތުން، ޓާޓާއިން ވިލާތުގައި ކުރާ ދަގަނޑުގެ ވިޔަފާރިއާއި އެހެނިހެން ބައެއް ވިޔަފާރިތައް، ގެއްލުން ވާތީ ވިއްކާލުމަށް ސައިރަސް މަސައްކަތް ކުރެއްވި ކުރެއްވުމަށް ޓާޓާ އާއިލާއިން ވަނީ ސީދާ ދެކޮޅު ހަދައިފައެވެ. ޗައިނާއިން ދަގަނޑުގެ އަގު ހެޔޮ ކުރުމަށްފަހު އޭގެ ވިޔަފާރިތައް ކުރަން ފެށުމުން ޓާޓާގެ ދަގަނޑު ވިޔަފާރިއަށް ވަނީ އެކަމުގެެ ނޭދެވޭ އަސަރު ކޮށްފައެވެ.
ޓާޓާގެ ޗެއާމަންކަން 2012 ވަނަ އަހަރުން ފެށިގެން ކުރަމުން އައި ސައިރަސް އެމަގާމުން ވަކިކުރުމުން އެކަމާ ހިތްހަމަނުޖެހި، އޭނާ ވަނީ ޓާޓާގެ ބޯޑަށް ސިޓީއެއް ފޮނުވައިފައެވެ.
ސައިރަސް ތުހުމަތު ކުރެއްވި ގޮތުގައި، ޓާޓާގެ ބޯޑުން ބޭނުންވީ "ނަމެއްގައި" ޗެއާމަންކަމުގައި އޭނާ ބެހެއްޓުމަށެވެ. އަދި ޓާޓާ ބޯޑުން އަބަދާއި އަބަދު ދިޔައީ ސައިރަސްގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށާއި، ގޮތް ނޭނގޭ އެތައް ޑީލެއްގައި އޭނާ ލައްވާ ސޮއިކުރުމަށް ޓާޓާގެ ބޯޑުގެ މެމްބަރުން މަސައްކަތް ކޮށްފައިވާ ކަމަށް ސައިރަސް ވިދާޅުވިއެވެ.
ސައިރަސް ވިދާޅުވީ، އޭނާ ޗެއާމަންކަމާ ހަވާލުވި އިރު ޓާޓާއަށް ގެއްލުން ކުރަމުން ދިޔަ ފަސް ވިޔަފާރިއެއް އޮތް ކަމަށާއި، އެ ވިޔަފާރިތަކުގެ ސަބަބުން ޓާޓާޢަށް 18 ބިލިޔަން ޑޮލަރުގެ މާސިންގާ ގެއްލުމެއް ވާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ސައިރަސް ފާހަގަކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ޓާޓާއިން ބޭރުގައި ހިންގާ ބައެއް ހޮޓެލްތަކާއި، ޔޫކޭއާއި ކެންޔާގައި ހިންގާ ކެމިކަލްސް ވިޔަފާރިތަކާއި ވިލާތުގައި ކުރާ ދަގަނޑުގެ ވިޔަފާރިތަކުން ބޮޑެތި ދަރަނިތަކެއް ޓާޓާގެ ބޮލުގައި އެޅިފައި އެބަ އޮތެވެ.
އަދި ދެލި (ކޯލް)ގެ އަގަށް އަންނާނެ ބަދަލުތައް ރަނގަޅަށް ފައިސަލާ ނުކުރުމުގެ ސަބަބުން "ޓާޓާ ޕަވަރ"އަށް ދަނީ އެކަމުގެ އަސަރުތައް ކުރަމުން ކަމަށް ސައިރަސް ވިދާޅުވިއެވެ.
އަދި ދުނިޔޭގެ އެންމެ އަގުހެޔޮ ކާރުގެ ގޮތުގައި މާކެޓުކޮށް އުފެއްދި "ޓާޓާ ނެނޯ" ކާރުގެ މަޝްރޫއުން ފައިދާއެއް ކުރާނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ތުހުމަތުކުރެއްވީ، އޭނާއަށް ނޭނގޭ ބައެއް ޑީލުތަކުގައި ގަދަކަމުން ސޮއިކުރުވަން އުޅުނު ކަމަށާއި، ބައެއް ތަކެތީގައި އޭނާގެ ނުރުހުމުގައި، ގަދަކަމުން ސޮއިކުރުވި ކަމަށެވެ. އެގޮތުން އޭނާއަށް އެފަދައިން ޕްރެޝަރު ކުރުވީ މިހާރު ވަގުތީ ޗެއާމަންކަމުގައި ހުރި ރަތަން ޓާޓާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މެލޭޝިއާގެ އެއާ އޭޝިއާއާ ގުޅިގެން އެއާ އޭޝިއާ އިންޑިއާ އުފެއްދުމުގެ އެއްބަސްވުމުގައި "އަވަހަށް ސޮއިކޮށް ނިންމާލުމަށް" ރަތަން ޓާޓާ އެންގި ކަމަށާއި، އެކަމާ ދެކޮޅަށް އޭނާ ކުރި މަސައްކަތް ބޭކާރުވީ ކަމަށެވެ.
އަދި ސިންގަޕޯރ އެއާލައިންސްއާއި ޓާޓާއާ އެކު ވިސްޓާރާ ކިޔާ ޖޮއިންޓް ވެންޗާއެއް އުފެއްދި އެގްރިމެންޓުގައި އޭނާ ސޮއިކުރަން ޖެހުނީ ކަމަށާއި، އެ ޕްރޮޕޯޒަލް ރަނގަޅަށް އިވެލުއޭޓު ކުރުމަށް ޓާޓާގެ ބޯޑުން އޭނާއަށް ވަގުތު ވެސް ނުދޭކަމަށް ސައިރަސް ވިދާޅުވިއެވެ.