27 Oct 2016, 08:34
އަންނަ ހަފްތާގައި ސްރީލަންކާގެ ބަޖެޓް އެއާލައިން މިހިން ލަންކާގެ އޮޕަރޭޝަންތައް މުޅިން ހުއްޓައިލާއިރު، އެކަމުގެ އަސަރު ރާއްޖެއަށް ކުރިޔަ ނުދިނުމުގެ ގޮތުން ސްރީލަންކަން އެއާލައިންސްގެ ބޮޑެތި އެއާކްރާފްޓުތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.
ވިޔަފާރީގެ ގެއްލުން މާ ބޮޑަށް ކުރިމަތިވާން ފެށުމުން ސްރީލަންކާގެ ސަރުކާރުން ނިންމީ މިހިން ލަންކާ އުވާލައި، އެ އެއާލައިންގެ މުވައްޒަފުންނާއި މުދަލާއި ދަރަނިތައް ސްރީލަންކަން އެއާލައިންސްއާ އެއްކޮށްލުމަށެވެ.
މި ނިންމުމާ ގުޅިގެން ސްރީލަންކަން އެއާލައިންސްއިން ނިންމާފައިވަނީ، މިހިން ލަންކާ ދަތުރުކުރާ ހުރިހާ މަންޒިލަކަށް ސްރީލަންކަން އެއާލައިންސްއިން ވެސް ދަތުރުކޮށް، މިހިންގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
މިހިން ލަންކާގެ އޮޕަރޭޝަންތައް އޮކްޓޫބަރު 30ގައި ހުއްޓާލާ އިރު، އެ އެއާލައިނަކީ ކޮންމެ ދުވަހަކުވެސް ކޮލޮމްބޯއިން މާލެއަށް، އަދި މާލެއަށް ކޮލޮމްބޯއަށް ދަތުރެއް ކުރާ އެއާލައިނެކެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސުޖީވަ ރޮޑްރިގޯ "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިހަފްތާގައި ވިދާޅުވީ، މާލެއަކީ ސްރީލަންކަން އެއާލައިންސްއިން މިހާރުވެސް ދަތުރުކުރާ މަންޒިލެއް ކަމުން، މިހިން ލަންކާއިން ދުވާލަކު ކުރާ އެއް ދަތުރު ގެއްލޭތީ އެކަން ފޫބެއްދުމުގެ މަގްސަދުގައި މާލެއަށް އިތުރު ފްލައިޓެއް ސްރީލަންކަންއިން ނުބާއްވާނެ ކަމަށެވެ.
އޭގެ ބަދަލުގައި، ޑިމާންޑަށް ބަލާފައި ސްރީލަންކަންއިން މާލެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރުމަށް، އެ އެއާލައިނުގެ ބޮޑެތި އެއާކްރާފްޓުތައް ބޭނުންކުރަން ފަށާނެ ކަމަށް ސުޖީވަ ވިދާޅުވިއެވެ.
"މިހިން ލަންކާގެ ފްލައިޓެއް ދެން ނޯންނާނެ. އެކަމަކު ސްރީލަންކަންއިން މިހާރުވެސް ތާވަލުގައި އޮންނަ ފްލައިޓުތައް ބާއްވާނަން. ބޭނުންވެއްޖެ ހާލަތެއްގައި ކެޕޭސިޓީ އިތުރުކުރެވޭނެ. އަޅުގަނޑުމެންގެ އެއާކްރާފްޓުތައް އަޕްގްރޭޑު ކުރާނަން،
"މިސާލަކަށް ފްލައިޓު އޮޕަރޭޝަނެއްގައި ބޭނުންކުރަނީ އޭ320ގެ ބޯޓެއް. ޑިމާންޑަށް ބަލާފައި އަޅުގަނޑުމެން އެ އޮޕަރޭޝަނަކަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ބޭނުންކުރާނީ. އިތުރު ފްލައިޓެއް ނުބާއްވާނަން، އެކަމަކު ހާލަތަށް ބަލާފައި ބޮޑެތި ފްލައިޓުތަކުގެ ބޭނުންކުރާނީ،" ސްރީލަންކަންއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރ ސުޖީވަ ރޮޑްރީގޯ "ސަން" އަށް ވިދާޅުވިއެވެ.
މިހިން ލަންކާ އުވާލައި، އެ އެއާލައިން ސްރީލަންކަންއާ އެއްކޮށްލަން ނިންމާފައިވާ އިރު، މިހިން ލަންކާގެ ދެ އެއާކްރާފްޓް ފިޔަވައި އެހެން ހުރިހާ އެއާކްރާފްޓެއް ވެސް ސްރީލަންކަންއަށް ރީބްރޭންޑްކޮށް، ބޭނުން ކުރަން ފަށާނެއެވެ.
ސްރީލަންކަން އެއާލައިންސްއިންގެ ސީއީއޯ ސުރަން ރަތުވައްތަ މިހަފްތާގައި ސްރީލަންކާގެ ސަންޑޭޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން، ސްރީލަންކަންއަކީ އެގައުމުގެ ރައްޔިތުންނާއި ދިވެހީންގެ ވެސް "ގައުމީ އެއާލައިން"އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެންމެ ގިނަ ދިވެހީން ދަތުރުފަތުރަށް ބޭނުންކުރަނީ އެ އެއާލައިނު ކަމުގައި ވުމެވެ.
އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ޗެންނާއީއަކީ ސްރީލަންކަންގެ އެންމެ ބޮޑު ދެ މާކެޓު ކަމަށެވެ.
އަންނަ ޑިސެމްބަރު މަހު ސްރީލަންކަންއިންް ކޮލޮމްބޯއާއި އައްޑޫ ސިޓީއާ ދެމެދު ވެސް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.