27 Oct 2016, 09:47
ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރިކުރުމުގެ ފަސޭހަކަން ދެނެގަތުމަށް ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ނެރޭ "ޑުއިންގް ބިޒްނަސް އިންޑެކްސް"ގައި ރާއްޖެ ހަތް ދަރަޖަ ދަށަށް ހިނގައްޖެ އެވެ. ވޯލްޑް ބޭންކުން ބުނަނީ އެއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލުގެ ހާލަތު ގޯސްވުން ނޫން ކަމަށެވެ.
މިދިޔަ އަހަރު ވޯލްޑް ބޭންކުން ނެރުނު 2016 ވަނަ އަހަރުގެ ޑުއިންގް ބިޒްނަސް އިންޑެކްސްގައި ރާއްޖެ އޮތީ 128 ވަނައިގަ އެވެ. އެހެން ނަމަވެސް، މި ހަފްތާގައި ވޯލްޑް ބޭންކުން ނެރުނު 2017 ވަނަ އަހަރުގެ އިންޑެކްސްގައި، ރާއްޖެ އޮތީ 135 ވަނައަށް ވެއްޓިފަ އެވެ.
ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިންޑެކްސް ދަށަށް ގޮސްފައި ވަނީ ރާއްޖޭގެ ވިޔަފާރީގެ ހާލަތު މިދިޔަ އަހަރަށް ވުރެ ގޯސްވެގެން ނޫން ކަމަށެވެ.
އެހެން ނަމަވެސް، އިންޑެކްސް ދަށަށް ދިޔައީ، ރާއްޖޭގެ ވިޔަފާރީގެ ހާލަތު ކުރިޔަށް ވުރެ ރަނގަޅު ކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް ރާއްޖެއިން ނާޅައި ހުރި އިރު، އެހެން ގައުމުތަކުން ކަންކަން އިސްލާހުކޮށް އިންޑެކްސްގައި ކުރި ހޯދުމުން ކަމަށެވެ.
އިންޑެކްސްގައި ރާއްޖޭގެ މިދިޔަ އަހަރުގެ ސްކޯއަކީ 53.99 އެވެ. ނަމަވެސް މިއަހަރުގެ ސްކޯއަށް އައިސްފައި ވަނީ ޕޮއިންޓް ސުމެއް ފަހެއްގެ ތަފާތެކެވެ. މިއަހަރު ރާއްޖެއަށް އެ އިންޑެކްސްއިން ލިބުނީ 53.94 އެވެ.
ވޯލްޑް ބޭންކުން މި އިންޑެކްސް އެކުލަވާލަނީ ކޮންމެ ގައުމެއްގެ ވެސް އިގްތިސާދު ހިނގަމުންދާ ގޮތް ބަލައި، ގައުމުގެ އިގްތިސާދީ މައި ނާރެހެއްގެ ގޮތުގައި ބެލެވޭ ސިޓީގައި، ވިޔަފާރިއާ ގުޅޭ 10 ކަމަކަށް ރިއާޔަތް ކޮށްފަ އެވެ.
އެ 10 ކަމަކީ
- ވިޔަފާރިއެއް ފެށުން.
- އިމާރާތް ކުރުމުގެ ހުއްދަ ހޯދުން.
- ވިޔަފާރިކުރާ ތަނަށް ކަރަންޓުގެ ޚިދުމަތް ލިބިގަތުން.
- ޕްރޮޕަޓީއެއް ރެޖިސްޓްރީ ކުރުން.
- ކްރެޑިޓު ލިބިގަތުން.
- މައިނޯރިޓީ އިންވެސްޓަރުން ރައްކާތެރިކުރުން.
- ޓެކްސް ދެއްކުން.
- މުދާ އެތެރެކުރުމާއި މުދާ ބޭރުކުރުން.
- ކޮންޓްރެކްޓްސް ތަންފީޒުކުރުން.
- ގާނޫނުތައް މެދުވެރިކޮށް މައްސަލަތައް ރިސޯލްވް ކުރުން.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސަވަރާޔީ ވިދާޅުވީ މިއަހަރުގެ ރިޕޯޓުގައި، ރާއްޖޭގެ ޕްރައިވެޓް ވިޔަފާރިތަކަށް ވިޔަފާރީގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހޯދިފައިވާނެ ކަމަށެވެ.
އަދި ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތައް މިހާރަށް ވުރެ ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެހުމަކީ ދިވެހި ޒުވާނުންނަށް މިހާރަށް ވުރެ ރަނގަޅު ވަޒީފާގެ ފުރުސަތުތައް އުފެދި، ވިޔަފާރީގެ ދާއިރާއަށް ގިނަ ބަޔަކު ވަނުމަށް އެޅޭ ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންޑެކްސްގެ ކުރީގައި އަބަދުވެސް އުޅެނީ ސިންގަޕޫރާއި ނިއުޒިލެންޑެވެ. މިއަހަރުގެ އިންޑެކްސްގެ އެއްވަނައިގައި ނިއުޒިލެންޑް އޮތް އިރު، ދެވަނައިގައި އޮތީ ސިންގަޕޫރެވެ.
ވޯލްޑް ބޭންކުން މީގެ ކުރިން ވަނީ، ރާއްޖޭގެ ދައުލަތުގެ ދަރަނި އަހަރުން އަހަރަށް މަތިވަމުން އަންނާތީ ރާއްޖެއަށް ދީފައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދާ ބެހޭ ގޮތުން ވޯލްޑް ބޭންކުން އޭޕްރިލް މަހު އާންމު ކުރި "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް: ފޭޑިންގް ޓެއިލްވިންޑްސް"ގައި ވޯލްޑް ބޭންކުން ބުނެފައިވަނީ ބޭރުން ލޯނުގެ އެހީ ހޯދައިގެން އެއްފަހަރާ ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިޔަށް ގެންދާތީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ފަހުން ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިދިޔަ އަހަރު ހުރީ 73.1 ޕަސެންޓްގައެވެ. އަދި އެ އަދަދު މި އަހަރު ނިމޭ އިރު 83.1 ޕަސެންޓަށް އަރައި 2018 ވަނަ އަހަރާ ހަމައަށް ދާ އިރު އެ އަދަދު 109 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.